ޚަބަރު

ރާއްޖޭގައި ތިބި އިންޑިއާގެ 153 މީހަކު ދިއްލީއަށް ފުރުވާލައިފި

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ތާށިވި އިންޑިއާ މީހުންގެ ތެރެއިން އިތުރު 153 މީހަކު އަނބުރާ ގައުމަށް ފުރުވާލައިފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ މީހުން އަނބުރާ ގެންދަން އެ ގައުމުން މަސައްކަތް ކުރަން ފެށީ މި މަހުގެ 10 ވަނަ ދުވަހެވެ. އެގޮތުން މީގެ ކުރިން ތިން މަނަވަރެއްގައި ޖުމްލަ 1488 މީހަކު ވަނީ ފުރުވާލައިފައެވެ.

އޭގެ އިތުރުން ވައިގެ މަގުން އިއްޔެ ވަނީ އިންޑިއާގެ 152 މީހަކު ފުރުވާލައިފައެވެ. އެމީހުން ފުރުވާލާފައިވަނީ އެއާ އިންޑިއާގެ ފްލައިޓެއްގައި ބެންގަލޫރަށެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ، އެއާ އިންޑިއާގެ ފްލައިޓެއްގައި އެގައުމުގެ އިތުރު 153 މީހަކު މިއަދު ފުރުވާލާފައިވާ ކަމަށާއި އެ ފްލައިޓަކީ ދިއްލީއަށް ދިޔަ ފްލައިޓެއް ކަމަށެވެ.

އިންޑިއާ ހައި ކޮމިޝަންގެ ޑެޕިއުޓީ ކޮމިޝަނަރު ޝްރީ ރޯހިތު ރަތިޝް "ވަން" އަށް ވިދާޅުވީ، ކުރިއަށްއޮތް ހަފުތާގެ ތެރޭގައި ވައިގެ މަގުން އިތުރު ބަޔަކު ފުރުވާލުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން އަންނަ މަހުގެ ފަސްވަނަ ދުވަހު ރާއްޖޭގައި ތިބި 700 އެއްހާ މީހުން ގެންދިއުމަށް ޓުޓިކޮރިން އިން އިންޑިއާގެ މަނަވަރެއް ރާއްޖެ އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.