މިއަދަކީ މުވާސަލާތީ ވަސީލަތްތަކުގެ އެހީގައި ގުޅުންތައް ބަދަހިކުރުމަށް ހުރިހާ އެންމެންވެސް ހާއްސަ ސަމާލުކަމެއް ދެއްވާ ދުވަހެއް ކަމުގައި ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.
ފިތުރު އީދުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ މިއަދަކީ އުފާވެރިކަމާއި ހިތްހެޔޮކަމާއި ރަހުމަތްތެރިކަމާއެކު ގުޅުންތައް އާލާކުރަންވީ ދުވަސް ކަމަށާއި ތިމާގެކަމުގެ ގުޅުންތައް ދިރުވައި، ރަހުމަތްތެރިކަމުގެ ގުޅުންތައް ބަދަހިކޮށް، އެކުވެރިކަމުގެ ގުޅުންތައް އާލާކުރަން މިއަދަކީ ވަރަށް މުނާސަބު ދުވަހެއް ކަމަށެވެ.
"ކޮވިޑް 19ގެ ސަބަބުން، އިޖުތިމާއީ ގައިދުރުކަން ދަމަހައްޓަން މަޖުބޫރުވެފައި ވިޔަސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އަޅުގަނޑުމެންގެ ގުޅުންތައް ބަދަހިކުރުމުގެ ވަރަށް ފަހި ފުރުސަތުތަކެއް ތަނަވަސްވެފައި އެބަ އޮތެވެ. އެހެންކަމުން މިއަދަކީ މުވާސަލާތީ ވަސީލަތްތަކުގެ އެހީގައި އެ ގުޅުންތައް ބަދަހިކުރުމަށް ހުރިހާ ބޭފުޅުންވެސް ހާއްސަ ސަމާލުކަމެއް ދެއްވާ ދުވަހެއް ކަމުގައި ހެއްދެވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެކެވެ. އެކުގައި ދިރިއުޅޭ މީހުންނާ އެކީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް އިސްކަން ދިނުމާއި، ދުރުގައި ދިރިއުޅުއްވާ ގާތްތިމާގެ މީހުންނާއި އެކުވެރިންނާއެކުގައިވެސް، މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް، ވަގުތުކޮޅެއް ހޭދަކޮށްލައި، ހާލުއަހުވާލު އޮޅުންފިލުވައި، އީދުގެ ތަހުނިޔާ ބަދަލުކުރެއްވުމަކީ މިއަދާ ވަރަށް މުނާސަބު ކަމެކެވެ..،" ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އީދަކީ އެންމެންގެ ބައިވެރިވުމާއި މުޅި މުޖުތަމައުގެ ޝާމިލުވުމާއެކު، އުފާފާޅުކޮށް އުޅުމުގެ ދުވަސް ކަމަށާއި އީދުގެ އުފާފާޅުކުރުން އޮތީ، މުޖުތަމައުގައި ތިބި ތަފާތު ފަންތިތަކާއި ތަފާތު ގިންތިތަކުގެ މީހުންގެ މެދުގައި، އެއްވެސް ތަފާތުކުރުމެއް ނޯންނާނެ ގޮތުގެ މަތީން ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ކޮވިޑް 19ގެ ސަބަބުންވެސް، ތަފާތު ނިކަމެތި ހާލަތްތައް މެދުވެރިވެފައިވާ ކިތަންމެ ބަޔަކު، މުޖުތަމައުގައި ތިބިކަން ހަނދާންކޮށް، އެމީހަކަށް ވެވުނު އެންމެ ދީލަތި ގޮތެއްގައި އެފަދަ މީހުންނަށް އެހީތެރިވުމަކީ މި އުފާވެރި ފިތުރު އީދުގެ ދަރުމައާއި ސަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެކެވެ..،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގޭތެރޭގައި ބަންދުވެފައި ތިބޭ މި ދުވަސްކޮޅަކީ މައިންބަފައިންނާއި ދަރިން، އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެދިނުމުގެ ރީތި ސިފަ އަށަގަންނުވަންވީ ދުވަސްކޮޅު ކަމަށާއި އާއިލާގެ ތުއްތު ކުދީންނަށް އޯގާތެރިކަމާއި ލޯތްބާއެކު ހޭހަންކުރުމުގެ ދުވަސްކޮޅު ކަމަށެވެ. އަދި މިއީ އުމުރުން ދުވަސްވެފައި ތިބި މާމައިންނާއި ކާފައިންނަށް އޯގާތެރިކަމާއި ކުލުނާއެކު، ހިދުމަތްކޮށްދިނުމުގެ ރޫހު އާލާކުރަންވީ ދުވަސްކޮޅު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ގެއިން ބޭރަށް ނުނިކުމެ ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމުން، ކުރިމަތިވާ ނަފުސާނީ އުނދަގޫތައް ލުއިކުރުމަށްޓަކައި އާއިލާގެ މެންބަރުން އެކުގައި ފައިދާ ހުރި ވަގުތުތަކެއް ހޭދަކުރާނެ އިންތިޒާމެއް ހަމަޖެއްސުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ފިތުރު އީދު އަޅުގަނޑުމެންނާ ބައްދަލުކުރީ ކެތްތެރިވުމަށާއި އިސްރާފު ނުކުރުމަށާއި އިގުތިސާދުކުރުމަށް އަޅުގަނޑުމެންގެ ނަފުސުތައް ތަރުބިއްޔަތުކޮށްދިން މޫސުމަކަށް ފަހުގައެވެ..،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއީ ގައުމުގެ އިގުތިސާދު ހުއްޓުމަކަށް އައިސްފައިވާ ވަގުތެއް ކަމުން، ރަމަޟާން މަހުގައި ހާސިލުކުރި ސިފަތަކުގެ މަތީގައި، ކުރިއަށް އޮތް ދުވަސްތައް ހޭދަކުރެވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިހާރު މި ތަހައްމަލު ކުރަމުން އަންނަ ދަތި އުނދަގޫ ހާލަތުން އަރައިގަތުމުގައި އެންމެ ބޮޑަށް ބޭނުންވަނީ އެންމެންގެ އެކުވެރިކަމާއި އެއްބާރުލުން ކަމަށެވެ.