ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހަށް އިންޑިއާއިން ރަތްދޫލައެއް، ހުންނަވާނީ އެގައުމުގެ ރައީސްގެ ރަސްމީ ގެކޮޅުގައި

1

މި މަހު 17 ވަނަ ދުވަހު ރައީސް ސޯލިހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ހުންނަވާނީ އެގައުމުގެ ރައީސް ހުންނަވަން ހަމަޖައްސާފައި ހުންނަ ރަސްމީ ގެކޮޅު "ރާޝްތްރަޕަތީ ބާވަން" ގައި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

އިންޑިއާގެ ނޫސް އިކޮނޮމިކްސް ޓައިމްސް އިން ބުނެފައިވާ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔުމަށް އެގައުމުން ވަނީ ތައްޔާރުވެފަ އެވެ. އަދި މި ދަތުރުފުޅުގައި ރައީސް ސޯލިހު ހުންނަވާނީ އިންޑިއާގެ ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅުގަ އެވެ. އެގެކޮޅުގައި ހުންނެވުމުގެ ފުރުސަތު ދެއްވަނީ އިންޑިއާއަށް ވަރަށް ޚާއްސަ މުހިންމު ވެރީންނަށް ކަމަށް އެނޫހުގައި ބުނެފައިވެ އެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި މުހިންމު ބައެއް ކަންކަމާ މެދު އެއްބަސްވެވިގެން ދާނޭ ކަމަށާއި އޭގެ ތެރޭގައި ވިސާ އާއި އިޖުތިމާއީ އަދި ވިޔާފަރިއާ ގުޅޭ ދާއިރާތައް ހިމެނޭނެ ކަމަށް އިކޮނޮމިކް ޓައިމްސްއިން ރިޕޯޓުކޮށްފައިވެ އެވެ.

ރާއްޖޭގައި އެކި ދާއިރާތަކުން އިންޑިއާއިން ކުރާ އިންވެސްޓްމެންޓުތައް އިތުރުކުރުމަކީ ބޮޑުވަޒީރު މޯދީގެ އަމާޒެއް ކަމަށާއި އެ ގޮތުން ރާއްޖޭން ޗައިނާ އަށް ބަރޯސާވުން ކުޑަކުރުމަށް ޓަކައި ރާއްޖޭގެ އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް އިންޑިއާއިން އެހީތެރިވެދޭނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ގޮތުން އިންޑިއާއިން އިސްކަން ދޭނެ ދާއިރާ ތަކުގެ ތެރޭގައި ރާއްޖޭގެ ހައުސިން އާއި ފެނާއި ނަރުދަމާ އާއި ސިއްހީ ދާއިރާ ހިމެނޭ ކަމަށް ވެސް އިކޮނޮމިކްސް ޓައިމްސްގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އެމެރިކާ އާއި ޖަޕާން އަދި ޔޫއޭއީއާ ގުޅިގެން ވެސް އިންޑިއާއިން ރާއްޖޭގައި ޕްރޮޖެކްޓްތައް ކުރިޔަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ރައީސް ސޯލިހުގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު މިއަދު "ވަން އޮންލައިން"އަށް ވިދާޅުވީ ރައީސް އިންޑިއާއަށް ވަޑައިގެން ހުންނަވާ ތަނަކާ ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ.

130 ހެކްޓަރުގެ ބޮޑު ބިމެއްގައި އިމާރާތްކޮށްފައިވާ ރާޝްތްރަޕަތީ ބާވަން ގައި 340 ކޮޓަރި ހުރެ އެވެ.

އިކޮނޮމިކް ޓައިމްސް އަކީ ވިޔަފާރީގެ ދާއިރާއަށް ޚާއްސަކޮށްގެން އިންޑިއާގައި ނެރޭ އެންމެ އިތުބާރު ކުރެވޭ އަދި އެންމެ މަގުބޫލު އެއް ނޫހެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟