އަލީ ޔާމިން
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދުގެ ވާހަކައަކަށް މަޝްހޫރު ޑައިރެކްޓަރު އީސާ ޝަރީފް ޑައިރެކްޓްކޮށް، ސްލޭމް ސްޓޫޑިއޯއިން 1996 ވަނަ އަހަރު ރިލީސްކުރި ފިލްމު ފަތިސްހަނދުވަރަކީ މިއަދުވެސް ދިވެހިންގެ ތެރޭގައި މަގުބޫލު ފިލްމެކެވެ. އެ ފިލްމު އެންމެ ބޮޑަށް މަގުބޫލުވެގެން ދިޔައީ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ މޫސާ މަނިކު (ޖިނާ) އަދި ނިއުމާ މުހައްމަދު (ޒޫނާ) ކުޅެފައިވާ ރޯލުގެ ސަބަބުންނެވެ.
ބިރުވެރި ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމުގެ ބައެއް ޑައިލޮގްތަކަކީ މިއަދުވެސް ފަނޑުވުމެއް ނެތް ޑައިލޮގް ތަކެކެވެ. "ކަލޭމެން އިންސާނުންނަށް ކިރިޔާވެސް ބާރެއް ލިބިއްޖެއްޔާ ހާދަ ފޮނިވެއޭ ދޯ"، "ޒޫނާ!!!......"ފަދަ ޑައިލޮގްތަކަކީ މި ފިލްމު އެހާ އަވަހަށް ވައިގައި ހިފަން މެދުވެރިވި ސަބަބުވެސް މެއެވެ.
ފަތިސް ހަނދުވަރުން ބެލުންތެރިންގެ ހިތްތަކަށް ބިރުވެރިކަން ވެރިކުރުވިތާ 23 އަށް ވުރެ ގިނަ އަހަރުވެފައިވާއިރު، ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮތީ ޒޫނާ އާއި ޖިނާގެ ކެރެކްޓާ ދެން ނުފެންނާނެ ކަމަށެވެ. ފެނުނަސް އެކީގައި ފެނުމަކީ ނާދިރު ކަމެއް ކަމަށެވެ. ނަމަވެސް އެތައް އަހަރެއް ފަހުން ޖިނާ އާއި ޒޫނާ އަނެއްކާ ވެސް މިވަނީ ފެނިފައެވެ.
އެ ދެ ކެރެކްޓާ އެކުގައި ފެނިގެން ގޮސްފައި މިވަނީ، އަހުމަދު އަޒްމީލް (އަޒޭ) އިސްވެ ހުރެ އުފައްދާފައިވާ ކުރު ފިލްމު "ކުޑަ ކުޑަ ބާރު (ކޭކޭބީ)" އިންނެވެ.
އެ ފިލްމަކީ ލޮކްޑައުންގައި ތިބޭއިރު، އަމަލުކުރަން ޖެހޭނެ ގޮތްތަކާއި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން އެތައް ފަންނާނުންނެއް ނަސޭހަތް ދޭ ފިލްމެކެވެ. އަޒޭ ސްކްރިޕްޓް ލިޔެ އެޑިޓްކޮށް ހަދާފައިވާ މި ކުރު ފިލްމުން 13 ފިލްމީ ތަރިންނާއި އަޒޭގެ ދަރިފުޅު ޒެލޫ ފެނިގެންދެ އެވެ.
އަޒޭ ބުނި ގޮތުގައި މި ފިލްމު ތައްޔާރު ކޮށްފައި ވަނީ ސްކްރިޕްޓް ލިޔުމަށްފަހު ކޮންމެ ތަރިޔަކަށް ވެސް އެ ތަރިއެއްގެ ޑައިލޮގްތައް ފޮނުވައިގެންނެވެ. ކޮންމެ ތަރިޔަކު ވެސް ވީޑިއޯ ކޮށްފައި ވަނީ އަމިއްލަ ގޭގައި ތިބެ އަމިއްލައަށެވެ. އެ ހުރިހާ ވީޑިއޯއެއް އެއްކޮށް، އެއް ގެއެއްގެ ތެރޭގައި ހިނގާ މުއާމަލާތްތަކެއްގެ ގޮތަށް އެޑިޓްކޮށް ފިލްމެއްގެ ސިފަ ޖެއްސީ އަޒޭއެވެ.
ގޭގައި ތިބުމާ، އަތްދޮވުމާއި، ގައިދުރުކަން ފަދަ ކަންކަމަށް އިސްކަން ދިނުމާ ބެހޭ މެސެޖުތަކެއް ފިލްމުގައި ދީފައިވާއިރު، ގިނަ ބަޔަކަށް ކުއްލި ހައިރާން ކަމެއް ލިބިގެން ދިޔައީ ފިލްމު ނިމުމާ ގާތްވެފައިވަނިކޮށް، ފަތިސް ހަނދުވަރު ފިލްމުގައި ޖިނާގެ ރޯލުން ފެނިގެން ދިޔަ ރީސޯ މޫސާ މަނިކުގެ ފެނިލުމެވެ.
މި ފިލްމުގައި ހުރިހާ ތަރިން ވެސް ގެއްލިގެން ހޯދަމުން ދަނީ ޒޫނާ އެވެ. އެއީ މިހާރު ފިލްމު ކުޅުން ހުއްޓާލާފައިވާ ރާއްޖޭގެ އެންމެ ކާމިޔާބު ބަތަލާ، ނިއުމާ މުހައްމަދެވެ. އޭނާ އެ ފިލްމުގައި ފެނިގެން ގޮސްފައިވަނީ ފަތިސްހަނދުވަރުގައި ފެނިގެންދިޔަ ޒޫނާގެ ކެރެކްޓާއިންނެވެ. ފިލްމު ނިމިގެން ދިޔައީ ޒޫނާ އާއި ޖިނާ ބައްދަލުވެގެންނެވެ. އެ ފިލްމުގައި ފަތިސް ހަނދުވަރުގެ ދެތިން ޑައިލޮގެއް ޖިނާ ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފައެވެ. ފިލްމު ނިންމާލީ ޒޫނާގެ އަގުހުރި މެސެޖަކާއެކު ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ޝުކުރު އަދާކުރަމުންނެވެ.
މި ފިލްމުން އެންމެ ބޮޑު މަގުބޫލުކަމެއް ދެން ހޯދީ އަފީފާ މުހައްމަދެވެ. އަފީފާ ފިލްމަކުން ފެނިގެން ގޮސްފައި މިވަނީ ވަރަށް ގިނަ އަހަރަށް ފަހުގައެވެ. މި ފިލްމުގައި ފެނިގެންދާ އެހެން ތަރިންގެ ތެރޭގައި، ރަވީ، ރިޝްމީ، އަހުމަދު ސައީދު، އަޒޫ، އާރިފާ، ހަސަނިކު، އައިންތު، ޖުމާ އަދި ޝާރާ ހިމެނެއެވެ.