އަލީ ޔާމިން
ކޮވިޑް 19އަށް ޕޮޒިޓިވް ވާ ބިދޭސީން ކަރަންޓީން ކުރުމަށް ކ. ވިލިވަރުގައި ގާއިމް ކުރި 218 މީހުންގެ ކަރަންޓީން ފެސިލިޓީގައި އެކަށީގެންވާ ވަރަށް ފާހާނައާއި ފެންވެރޭނެ ތަންތަން ނެތްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފިއެވެ.
ވިލިވަރުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބޭތިއްވުމަށް ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ހަދާފައިވާ ފެސިލިޓީއެއްތޯ ބެލުމުގެ ގޮތުން އެ ފެސިލިޓީގެ މާއްދީ ހާލަތު ދެނެގަތުމަށް އެޗްއާރްސީއެމްގެ ޓީމަކުން އެރަށަށް ކުރި ޒިޔާރަތަށް ފަހު އެކުލަވާލި ރިޕޯޓުގައި ފެސިލިޓީއާ ބެހޭ ގިނަ ކަންބޮޑުންތަކެއް ވަނީ ހިއްސާކޮށްފައެވެ.
އެގޮތުން މަރުކަޒުގައި ތިބޭ މީހުން ބޭނުން ކުރުމަށް ދެ ފާހާނާ ބަރި ޓެންޓުގެ ފަހަތުގައި ހަދާފައިވާއިރު، ފެންވެރުމަށް ސަވަރު ހަރުކޮށްފައިވާ ތަނުގައި އެކަކު އަނެކަކަށް އެއްވެސް ހުރަހެއް ނެތި ގާތްގާތުގައި ފެންވަރަން ތިބެން ޖެހޭ ކަމަށާއި، މަރުކަޒުގައި ތިބޭ މީހުން ފާހާނާއަށް ދާން އޮންނަ ސަރަހައްދަކީ ހިޔާކޮށްފައިވާ ތަނެއް ނޫންކަން ވަނީ ފާހަގަކޮށްފައެވެ. އަދި ޓެންޓުތައް ހިޔާކުރުމަށް ބޭނުންކޮށްފައިވަނީ ސަތަރިކަމަށް ވުމުން ވައިގަދަވެ، ވިއްސާރަވުމުން ޓެންޓުގެ އެތެރެއަށް ވަރަށް އަޑުގަދަކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.
މީގެ އިތުރުން، މަރުކަޒުގެ ޓެންޓުތަކުގެ އެތެރޭގައި ތަޅުން އަޅާފައިވީނަމަވެސް، ޓެންޓުތަކުގެ ބޭރުގައި ވެލި އޮތުމުގެ ސަބަބުން ވިއްސާރަ މޫސުމެއްގައި އެތަނުގެ އެތެރޭގައި ފެން ހެދި ފެން ހަރުލުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވިފައިވާ ކަމަށް ފާހަގަކޮށްފައި ވެއެވެ. އަދި މަރުކަޒުގައި ގާއިމުކޮށްފައިވާ ބަދިގެ ސާފުތާހިރު ނޫން ކަމަށާއި އެގޮތުން ބަދިގެއެއްގެ ގޮތުގައި ބޭނުންކުރަމުން ގެންދަނީ ޖާގައިގެ ގޮތުން ކުޑަތަނެއްކަން ކަމަށާއި ބަދިގޭގައި ވައި ދައުރުކުރުމަށް ހުރި އެގްސޯސްޓްގައި ހިރަފުސް ހިފާފައިހުރިކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
އެޗްއާރްސީއެމުން ބުނީ މަރުކަޒުގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންނާއި، މަރުކަޒަށް ގެންދާ މީހުންނަށް ކެއުން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ މީހުން ނިދުމަށް ހަމަޖައްސާފައިވާ ތާނގައި ފާހާނާކޮށް ފެންވެރޭނެ އިންތިޒާމު ހަމަޖައްސާފައި ނުވާ ކަމަށެވެ. އަދި މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކުއްލި ހާލަތެއްގައި ރަށުން ބޭރަށް ދާން ޖެހިއްޖެނަމަ ދަތުރުކުރުމަށް ހާއްސަ ލޯންޗެއް ރަށުގައި ބޭއްވިފައި ނުވާކަމަށާއި އަލިފާނުގެ ހާދިސާއެއް މެދުވެރިވެއްޖެނަމަ ނިއްވައިލެވޭނެ އިންތިޒާމުވެސް ހަމަޖެހިފައި ނުވާ ކަމަށެވެ.
ރަށުގެ އެކި ސަރަހައްދުތަކުގައި ފަސޭހައިން ނައްތައިނުލެވޭ ކުންޏާއި ފެން ހެދިފައިވާ ތަންތަން ގިނަކަން ފާހަގަކޮށްފައިވެއެވެ. އަދި ރަށުގައި މެއްސާއި މަދިރި ގިނަ ކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.
އެޗްއާރްސީއެމުން ބުނީ ވިލިވަރު ކަރަންޓީން ފެސިލިޓީ ބޭނުންކުރަންވާނީ އިސްވެ ދެންނެވުނު ކަންކަން ރަނގަޅުކުރުމަށް ފަހުގައި ކަމަށެވެ. އަދި އެ ކަރަންޓީން ފެސިލިޓީގެ އެހެނިހެން ކަންކަން ރަނގަޅުކަމުގައި އެޗްއާރްސީއެމުން ފާހަގަކޮށްފައި ވެއެވެ. އެގޮތުން ފެސިލިޓީގެ ސެކިއުރިޓީގެ ކަންކަމާއި، ބަލި މީހުންނަށް ފަރުވާ ކުރުމާއި ޑޮކްޓަރުން ތިބޭނެ ތަންތަން ފުރިހަމަ ކަމަށް ބުނެފައި ވެއެވެ.