މުހައްމަދު އައުޒަމް
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކޮށް 18 ޒުވާނުން ގްރެޖުއޭޓް ވެއްޖެއެވެ.
މިއަދު ޖެން ހޮޓެލްގައި ބޭއްވި ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ގްރެޖުއޭޝަން ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްއެވެ.
މިފަހަރު ކުރިޔަށް ދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ދިރާގުގެ ނުވަ ރީޖަނެއްގެ ބްރާންޗް ތަކުގައި ކުންފުނީގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ ޒުވާނުންނަށް ހޯދައިދީފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދު ވިދާޅުވީ މިއީ މިޕްރޮގްރާމް ހިންގި ދިހަ ވަނަ އަހަރުކަމަށެވެ. އިސްމާއީލް ރަޝީދު ވިދާޅުވީ މިޕްރޮގްރާމްގެ އެންމެ ބޮޑު މަގްސަދަކީ ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތަމްރީނުދީ މުސްތަގުބަލަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ.
އިސްމާއިލް ރަޝީދު ވިދާޅުވީ މިފަހަރު ގްރެޖުއޭޓްވި ޒުވާނުން ވަނީ ރާއްޖޭގެ ނުވަ ރީޖަނެއްގައި ހުންނަ ދިރާގުގެ ބްރާންޗް ތަކުގައި ތަމްރީނު ހޯދާފައި ކަމަށެވެ. އެ ޒުވާނުންނަށް ތަމްރީން ދީފައި ވަނީ އެކަމަށް ގާބިލް ދިރާގުގެ މުއައްޒަފުން ކަމަށް އިސްމާއީލް ރަޝީދު ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްމާއިލް ރަޝީދު އިތުރަށް ވިދާޅުވީ ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއްކަމަށެވެ. މީގެ ކުރިން ގްރެޖުއޭޓްވި ޒުވާނުންގެ ރެއިން %75 ޒުވާނުން މިހާރު ހަރުދަނާ މަގާމްތަކުގައި މަސައްކަތް ކުރަމުން އަންނަކަން އެނގިވަޑައިގެންފައިވާ ކަމަށް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ. އަދި ބާކީ %25 ޒުވާނުން އަމިއްލަ މަސައްކަތާއި އެހެނިހެން ވަޒީފާތަކުގައި އުޅޭކަމަށް އޭނާ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވަނީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ގްރެޖުއޭޓްވި ޒުވާނުންނަށް ހަނދާނީ ލިޔުން ދެއްވައިފައެވެ. ހަނދާނީ ލިޔުން ދެއްވީ ދިރާގުގެ ޗެއާމަން އިސްމާއީލް ވަހީދުގެ އިތުރުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްއެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި މިއަދު އަލަށް ވަނީ 29 ކުއްޖަކު ބައިވެރިވެފައެވެ.