ޕާކިސްތާނުގެ ގައުމީ އެއާލައިން، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ)ގެ ފްލައިޓެއް ވެއްޓި، އެއިން ދަތުރުކުރި އެންމެން މަރުވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޕާކިސްތާނުގެ ފޮރިން މިނިސްޓަރު މަހުމޫދު ޝާހް މަހްމޫދު ގުުރޭޝީއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ލާހޯރުން ކަރާޗީއަށް ދަތުރުކުރަމުންދިޔަ އެއާބަސް އޭ320 މަރުކާގެ އެ ފްލައިޓު ވެއްޓުނުއިރު އޭގައި 99 ފަސިންޖަރުންނާއި އަށް ކުރޫ މެންބަރުން ތިއްބެވެ. ކަރާޗީގެ މޭޔަރު ވަސީމް އަހްތަރާ ވިދާޅުވި ގޮތުގައި، އޭގެން ދަތުރުކުރި އެންމެން ވަނީ މަރުވެފައެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ޝާހިދު ފޮނުއްވި މެސެޖްގައި ވިދާޅުވީ މަތިންދާ ބޯޓު ވެއްޓުނު ހަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށާއި ހިތާމައިގެ މިދަނޑިވަޅުގައި ޕާކިސްތާނު ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ދަންނަވާ ކަމަށެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށްވެސް އެދިވަޑައިގަތެވެ.
އެއާޕޯޓުގެ މަސްދަރަކާ ހަވާލާދީ ސީބީއެސް ނިއުސްގައި ބުނެފައިވާ ގޮތުން، ފްލައިޓުގެ އެއް އިންޖީނު ފެއިލްވެފައިވާކަން ކޮންޓްރޯލް ޓަވަރަށް ޕައިލެޓް އެންގިއެވެ. އަދި ފްލައިޓު ޖައްސަން އެއާޕޯޓުގެ ދެ ރަންވޭ ވެސް ކްލިއާ ކަމަށް ޓަވަރުން ޕައިލެޓަށް އެންގި ކަމަށާއި ނަމަވެސް އެއަށްފަހު ކުރޫއިންނާއި އެއާ ޓްރެފިކް ކޮންޓްރޯލާ މުވާސަލާތީ ގުޅުން ކެނޑުނު ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.
ޕާކިސްތާނުގައި ފްލައިޓެއް ވެއްޓިފައި މިވަނީ ކޮރޯނާވައިރަސްއާ ގުޅިގެން އިއުލާންކުރި ލޮކްޑައުންއަށް ލުއިތަކެއްދީ، އެތެރޭގެ އުދުހުންތައް އަލުން ފެށުމުގެ ހުއްދަ ދިންތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.