ޚަބަރު

"ހަފްތާ ރެސް"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އަހުމަދު ޖައިޝަން

ޒުވާނުން ވިޔަފާރީގެ ތެރެއަށް ވެއްދުމަށާއި ހުނަރުތައް އިތުރަށް ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން "ހަފްތާ ރެސް" މާކެޓް އާއި ޓެލެންޓްޝޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ ހަފްތާރެސް އަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ހަފްތާރެސް މާކެޓާއި ޓެލެންޓް ޝޯއަށް ތަފާތު ދެ އެޕްލިކޭޝަން ފޯމެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި މިނިސްޓްރީ އާއި ޒުވާނުންގެ މަރުކަޒަށް އެ ފޯމް ހުށަހެޅޭނެ ކަމަށް ވަނީ ބުނެފައެވެ. މެއިލް މެދުވެރިކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

ހަފްތާ ރެސް އާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ ހަފްތާރެސްގެ ނަމުގައި ކޮންމެ ހަފްތާއެއްގެ ހުކުރު، ހޮނިހިރު ދުވަހު މާކެޓް ބާއްވާނެ ކަމަށެވެ.

މުނިފޫހިފިލުވުމުގެ އެތަކެއް ހަރަކާތަކާ އެކު ކުރިއަށްދާ ހަފްތާރެސްގައި މަޝްހޫރު ލަވަކިޔުންތެރިން ޝޯތައް ބާއްވާނެ ކަމަށާއި، ލަވަކިޔުމުގެ ދާއިރާއަށް މުޅިން އަލަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް މި މާކެޓްގެ ތެރެއިން ފުރުސަތު ލިބޭނެ ކަމަށް ވެސް މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.