ޚަބަރު

މާޔޫސްނުވެ ހެޔޮގޮތް މިންވަރު ކުރައްވާނެ ކަަމަށް އުއްމީދުކުރުމަށް ހުކުުރު ހުތުބާގައި ނަސޭހަތްތެެރިވެއްޖެ

އިބްރާހިމް ޒަކީ

މާތް ﷲ މިންވަރުފުޅުން މިވަނީ ވަރުގަދަ އިމްތިހާނަކާ ކުރިމަތި ކުރުވާފައި ކަމަށާއި، މި ދަނޑިވަޅުގައި ދަތިހާލުގައި ޖެހިފައިވާ މީހުންވެސް މާޔޫސް ނުވެ މާތް ﷲ ގެ ހަޒުރަތުން އަވަސް ޝިފާ އާއި ހެޔޮގޮތް މިންވަރު ކުރައްވާނެކަމަށް އުއްމީދު ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

ކޮވިޑް 19 ފެތުރުނަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކުގެދަށުން، ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރުން ހުއްްޓާލާފައި އޮތުމަށްފަހު، ލޮކްޑައުން ނުކުރާ ރަށްތަކުގެ މިސްކިތްތަކުގައި ފުިރަތަމަ ފަހަރަށް ޖަމާއަތުގައި މިއަދު ކުރި ހުކުރުނަމާދުގެ ހުތުބާގައި ވަނީ، މި ދަނޑިވަޅުގައި ހުކުރު ނަމާދު މިސްކިތުގައި ނުކުރެވޭ ރަށްރަށުގެ އަހުލުވެރިން ވެސް މެންދުރުނަމާދާއި އެހެނިހެން ނަމާދުތައް އަދާކޮށް މިކަމުން ސަލާމަތް ކޮށްދެއްވުން އެދި މަސައްކަތްކުރުމަށް ނަސޭހަތްތެރި ވެފައެވެ.

"އެގޮތުން ކުރަންވީ ފުރަތަމަ ކަމަކީ ކެތްތެރިވުން، އެއާއެކު ފަރުޟު ފަސްނަމާދަށް ފަރުވާ ބެހެއްޓުމާއި، ގިނަގިނައިން ފާފަ ފުއްސެވުމަށް އެދި ސަޖިދައިގައި ދުއާކުރުމާއެކު ސަބަބުތަކުގައި ހިފުން،" ހުތުބާގައި ބުނެފައިވެއެވެ.

ސަބަބުތަކުގައި ހިފުމަކީ "ބޭސްކުރުން އެކަންޏެއް ނޫން، އޭގެ އިތުރުން ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުވެސް ކުރުން، ސައިބޯނިލައިގެން އަތްދޮވުމާއި އާއްމުސާފުތާހިރުކަމާއި، ގައިދުރުކަން ދެމެހެއްޓުމާއި ޒަރޫރީކަމެއް މެދުވެރިވެގެން މެނުވީ، ގެއިން ބޭރަށް ނުނުކުތުން،" ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ، ބައެއް މީހުންނަކީ، ރަމަޟާން މަހުގެ އަޅުކަމުގައި ވަރަށް ހީވާގިވާ ބައެއް ކަމަށާއި، ރަމަޟާން މަހު ނިކަމެތީންނަށް ހޭދަކޮށް، ގިނައިން ފަރުޟު ނަމާދުކޮށް ތަރާވީހު ނަމާދާއި ދަމުނަމާދު ކުރާ ބައެއް ނަމަވެސް، އީދު ނަމާދާއެކު އަޅުކަމާ އަލްވަދާއުކިޔާ ބައެއް ކަމަށެވެ.

"ރަމަޟާން މަހު ﷲ ތައާލާގެ ވަޖުހުފުޅު އަދައިގެން ހެޔޮ ގޮތުގައި ރޯދަހިފައި ރޭއަޅުކަން ކޮށް ހެޔޮ އަމަލުތައް ކޮށް އުޅޭ މީހާވެސް އެކަންތައްތަކާ ބޮޑާވެނުގަތުން ހުއްޓެވެ، އޭގެ ބަދަލުގައި އޭނާގެ އަމަލުތައް ﷲ ގަބޫލު ކުރައްވައިތޯ، ދުއާދެންނެވުން ހުއްޓެވެ. ރަމަޟާންމަހު ސޯލިހު އަމަަލުތައް ކުރުމަށް ޝައުގުވެރިވީ ފަދައިން ރަަމަޟާން މަސް ނިމުމުން ވެސް އެޔޮ އަމަލުތައް ކުރުމުގައި ދެބމިތިބޭށެވެ!" ހުތުބާގައި ވެއެވެ.

ހުތުބާގައި ވަނީ ރަމަޟާންމަސް އަޅުގަނޑުމެންނާ އަލްވަދާއު ކިޔާއިރު އަދާކުރުން މުހިއްމު އެއް އަޅުކަމަކީ، ފިތުރުޒަކާތް ކަމަށެވެ.

"އެއީ ތިމާއާއި ތިމާ ހަރަދު ދީގެން ބެެލެހެއްޓުން ވާޖިބު ވެފައިވާ މީހުންނަށް އީދު ވިލޭރެ އާއި އީދު ދުވަހަށް ފުދި އިތުރަށް ހުންނަ އެއްޗަކުން ކޮންމެ މުސްލިމް މިނިވަނަކު ދޭން ވާޖިބުވެގެންވާ ޒަކާތެކެވެ. ވީމާ އީދު ނަމާދުގެކުރިން ފިތުރުޒަކާތް ނެރުމަށް ހަނދުމަކޮށް ނަސޭހަތްތެރިވެ ވަސިއްޔަތްކުރަން،" ހުތުބާގައި ވެއެވެ.