ރައީސް މުހައްމަދު ނަޝީދު

އެމްއެމްޕީއާރްސީ މައްސަލައިގައި ރައީސް ޔާމީން އެކަނި ޖަލުގައި ބޭންދުން އިންސާފުވެރިއެއް ނޫން: ރައީސް ނަޝީދު

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީން އެކަނި ޖަލުގައި ބެހެއްޓުން އިންސާފުވެރި ކަމަށް ގަބޫލު ނުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އިންސާފުލިބިވަޑައިނުގެން ނުހައްގުން ޖަލުގައި ހުންނެވުމަކީ ދިވެހި ގައުމަށް ލިބިގެންދިޔަ ބޮޑުހިތާމައެއް ކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ޓުވީޓެއް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ޓުވީޓް ރީޓުވީޓް ކުރައްވައިފި އެވެ.

މީހަކު ކުރާ ޓުވީޓެއް ރީޓުވީޓްކޮށްފި ނަމަ އާންމު ގޮތެއްގައި ބަލަނީ އެއީ ޓުވީޓުކުރި މީހާގެ ޓުވީޓަށް ތާއީދުކުރުމުގެ އަމަލެއްގެ ގޮތުގަ އެވެ. ނުވަތަ އެ ޓުވީޓު ކަމުގޮސްގެން ކުރާ ކަމެއްގެ ގޮތުގަ އެވެ.

މުހައްމަދު ސައީދުގެ އެ ޓުވީޓަކީ ރައީސް ޔާމީނަށް އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓުވީޓެކެވެ.

"ރައްޔިތުންގެ ހާލަތަށް އެންމެބޮޑު ކުރިއެރުމެއް ގެނެސްދެއްވި ދިވެހި ތާރީހު ރަން އަކުރުން ފަވާނެ ހިދުމަތްތެރި ރައީސަށް އުފަންދުވަހުގެ ތަހުނިޔާ އަރިސްކުރަން. އިންސާފު ނުލިބި ނުހައްގުން ޖަލުގައި ހުންނެވުމަކީ ދިވެހި ގައުމަށް ލިބިގެންދިޔަ ބޮޑު ހިތާމައެއް." ސައީދުގެ ޓުވީޓުގައި ވިދާޅުވި އެވެ.

ސައީދުގެ ޓުވީޓުގެ އިތުރުން، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރައީސް ޔާމީނަށް އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓުވީޓުވެސް ރައީސް ނަޝީދު އިއްޔެ ރީޓުވީޓް ކުރެއްވިއެވެ. ޝިޔާމްގެ އެ ޓުވީޓުގައި ހިމެނެނީ ޅެން ބައިތެކެވެ. ޅެން ބައިތުގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފައި ވަނީ ދިވެހީންގެ ދިވެހި ވެރިކަން ދިވެހީންނަށް ކުރެވޭ ކަމާއި މިތަނުގައި އުއްމީދު އޮތްކަން ދިވެހީންނަށް ދައްކައިދިން ވެރިޔެއްގެ ހަނދާން ވާ ކަމަށެވެ. އެ ޅެމުގައި ޝިޔާމް މުހާތަބުކުރައްވާފައި ވަނީ ރައީސް ޔާމީނަށެވެ.

މެންބަރު ސައީދާއި މެންބަރު ޝިޔާމް ރައީސް ޔާމީނަށް ތައުރީފުކުރައްވައި ކުރެއްވި މި ޓުވީޓުތައް ރައީސް ނަޝީދު ރީޓުވީޓް ކުރެއްވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމާ ގުޅޭ ގޮތުން އެމަނިކުފާނަށް ސުވާލު ކުރިމަތިކޮށްފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންވެސް ހިމެނެ އެވެ.

އެކަން ސާފުކޮށްދެއްވައި، ރައީސް ނަޝީދު އަތްޕުޅުން ލިޔުއްވައި އާންމުކުރެއްވި ކުރު ނޯޓެއްގައި އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމީންގެ އަމަލުފުޅުތަކާއި ހިޔާލުފުޅުތަކާއި އުސޫލުތަކަށް ތާއީދު ނުކުރައްވާ ކަމަށެވެ.

"އެހެންނަމަވެސް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހަމަ އެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާބޮޑު އިންސާފެއް އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑުމެން ބުނީ ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށް. އެކަން ކުރުމުގައި އަޅުގަނޑުމެން ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތް. މަރު ކޮމިޝަނުގެ މައްސަލަތައްވެސް ހަމަ މިފަދަ. ކުރާން ބުނި ކަންކަން އަޅުގަނޑުމެން ޖެހޭނީ ކުރާން." އެމްޕީ މުހައްމަދު ސައީދާއި އެމްޕީ އަހުމަދު ޝިޔާމް ރައީސް ޔާމީނަށް ތައުރީފުކުރައްވައި ކުރެއްވި ޓުވީޓުތައް ރީޓުވީޓުކުރެއްވުމުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސް ނަޝީދު އާންމުކުރެއްވި ކުރު ނޯޓުގައި ވިދާޅުވި އެވެ.