ޚަބަރު

އެއްމަސް ދުވަހަށް ފަހު ކުޅުދުއްފުށީގައި ހިންގަމުން ދިޔަ ކާފިއު އުވާލައިފި

އަލީ ޔާމިން

ހދ. ކުޅުދުއްފުށީ ސިޓީގައި އެ ސިޓީގެ ޓާސްކު ފޯހުން އިއުލާން ކޮށްފައި އޮތް ކާފިއު އުވާލުމަށް ނިންމައިފި އެވެ.

އެ ސިޓީން މި ނިންމުން ނިންމީ، ބަލި ނެތް ރަށްތަކުގެ މިސްކިތްތައް ހުޅުވައި ޖަމާއަތުގައި ނަމާދު ކުރުމަށް ސަރުކާރުން އެންގުމާ ގުޅިގެންނެވެ.

ކުޅުދުއްފުށީ ސިޓީން އަމިއްލައަށް އިސްނަގައިގެން އެންމެ ފުރަތަމަ ކާފިއު ހިންގަން ފެށީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އެގޮތަށް 24 ގަޑިއިރު ކާފިއު ހިންގަމުން އައިސް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ ހުއްދަ ހޯދުމަކާ ނުލައި ހެނދުނު 6:00 އިން ހަވީރު 3:30 އަށް ބޭރަށް ނުކުމެ އުޅެވޭ ގޮތަށް ލުއިތަކެއް ދީފައެވެ.

ލުއިތަކެއް ދިނީ އެ ސިޓީ އާއި ކައިރި ރަށްތަކުން ކޮވިޑަށް ޝައްކުވި ހުރިހާ މީހުންގެ ނަތީޖާ ވެސް ނެގެޓިވް ވުމުންނެވެ.

ކުޅުދުއްފުށީ ޓާސްކް ފޯހުން ކުރިން ނިންމާފައި އޮތީ ރޯދަ މަހުގެ ނިޔަލަށް ކާފިއު ހިންގުމަށެވެ. ނަމަވެސް ސަރުކާރުގެ އެންގުމާއެކު، މިވަގުތުން ފެށިގެން ކުޅުދުއްފުށީގައި ކާފިއު ނުހިންގާނެ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

މިއަދު ކުޅުދުއްފުށީގައި ވެސް ހުކުރަށްފަހު ޖަމާއަތުގައި ނަމާދު ކުރުން ކުރިއަށްދާނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި މިސްކިތްތައް ހުޅުވައި ކާފިއު ނުހިންގަން ނިންމި ނަމަވެސް ޕާކުތަކާއި ކުޅިވަރުކުޅޭ ތަންތަނާއި މީހުން އެއްވެ އުޅޭ އެހެން ތަންތަން އަދިވެސް ބަންދުކޮށްފައި ބެހެއްޓުމަށް އެ ސިޓީގެ ޓާސްކު ފޯހުން ނިންމާފައިވެ އެވެ.

ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުން އަންނަ ކުޅުދުއްފުށީ ސިޓީއަކީ މާލެ ސަރަހައްދު ފިޔަވައި ފުރަތަމަ ކާފިއު ހިންގި ސިޓީއެވެ.