ޚަބަރު

ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވުމާލުމަށް މަޓީ އާއި ޓެގް ހިމެނޭހެން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފި

ކޮވިޑް 19ގެ ސަބަބުން ހުއްޓިފައިވާ ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު ހިމެނޭހެން ކަމާބެހޭ ފަރާތްތަކާއެކު ޓޫރިޒަމް މިނިސްޓްރީން ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރާއްޖޭގައި ފަތުރުވެރިކަން އަލުން ހުޅުވާލުމަށް ތައްޔާރުކޮށްފައިވާ ގައިޑްލައިންއާ ބެހޭގޮތުން މަޓީއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި، ވިޒިޓް މޯލްޑިވްސް އަދި މޯލްޑިވްސް ސިވިލް އޭވިއޭޝަން އެސޯސިއޭޝަން (އެމްސީއޭއޭ)ގެ އިތުރުން ކޮވިޑް 19ގެ ކަންކަމުގައި ޓެކްނިކަލް ލަފާ އަރުވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ބޭފުޅުންނާއެކު ކާމިޔާބު މަޝްވަރާތަކެއް މިއަދު ކުރެވުނު ކަމަށެވެ.

ނަމަވެސް އެ މަޝްވަރާތަކުގެ ތަފުސީލެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ފަތުރުވެރިކަން އަލުން ފެއްޓުމަށްޓަކައި އެކަމަށް ބޭނުންވާ ގައިޑްލައިން "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން"ގެ ފުރަތަމަ ދެލިކޮޕީ ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މަސްލަހަތުވެރިންނާ ހިއްސާކޮށްފައެވެ. އަދި އެ ދެލިކޮޕީއަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 25ގެ ނިޔަލަށް އެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

"މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން"ގެ ޑްރާފްޓުގައިވާ ގޮތުން އަންނަ މަހު ރިސޯޓުތައް ހުޅުވާލާނެއެވެ. ނަމަވެސް ގެސްޓު ހައުސްތައް ހުޅުވާލާނީ އޮގަސްޓު މަހުގެ ތެރޭގައެވެ.

މީގެ އިތުރުން އަންނަ މަހުގެ ތެރޭގައި ޕްރައިވެޓް ޖެޓްތަކަށާއި، ޗާޓަރު ފްލައިޓުތަކުގެ އިތުރުން ސުޕާ ޔޮޓްތަކަށް ރިސޯޓުތައް ހުޅުވާ އިރު، ކޮންމެ ޕްރައިވެޓް ޖެޓަކާއި ޗާޓަރު ފުލައިޓަކުން ލޭންޑުން ފީގެ ގޮތުގައި 50,000 ޑޮލަރު ނަގާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ސުޕާ ޔޮޓުތަކުން ރާއްޖެ އެތެރެވުމަށް 10,000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށްވެސް ގައިޑްލައިންގައި ވެއެވެ.

ފަތުރުވެރިކަން ހުޅުވާލުމަށް ސަރުކާރުން އެކުލަވާލި "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" އެކުލަވާލުމުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ޖަމިއްޔާތަކާ މަޝްވަރާ ނުކުރާ ކަމުގެ ކަންބޮޑުވުންތައް ވަނީ ފެންމަތިވެފައެވެ. އެގޮތުން ފަތުރުވެރިކަމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރަމުން އަންނަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޓް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން ވަނީ އެ ގައިޑްލައިން އެކުލަވާލުމުގައި އެ އެސޯސިއޭޝަންއާ މަޝްވަރާކޮށްފައި ނުވާ ކަމަށް ބުނެފައެވެ.