ޚަބަރު

ހީނާމާގޭގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ނަގައި އެތަން އާންމުންނަށް ހުޅުވާލަނީ

އަހުމަދު ޖައިޝަން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހ. ހީނާމާގޭގައި ގާއިމުކޮށްފައިވާ މެކޭނިކަލް ޕާކިން ސިސްޓަމް ނެގުމަށްފަހު އެތަނުގައި އާންމުންނަށް ޕާކު ކުރެވޭ ގޮތް ހެދުމަށް ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަމުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މިހާރު ގާއިމުކޮށްފައިވާ ޕާކިން ސިސްޓަމް އަކީ ރައްޔިތުންނަށް ކަމުދާ އެއްޗެއް ނޫން ކަމަށް ރައްޔިތުންގެ ފަރާތުން އެނގިވަޑައިގެންފައިވާ ކަމަށެވެ.

"ދެން އަޅުގަނޑުމެން އެ ސިސްޓަމްތައް ބަހައްޓައިގެން އެތަން ބްލޮކް ކޮށްފައި ބެހެއްޓުމުގެ ބަދަލުގައި އަޅުގަނޑުމެން މި ޖެހެނީ އެ އެއްޗެހި ނެގުމަށްފަހު އެހެން ގޮތަކަށް ޕްލޭން ކުރަން،" ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ގެންދަވަނީ އެތަނުގައި އާންމުންނަށް ވެހިކަލްތައް ޕާކުކުރެވޭނެ ގޮތް ހެދުމަށް ކަމަށެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ ހީނާމާގޭގައި ބަހައްޓާފައިވާ ޕާކިން ސިސްޓަމަކީ އާންމުންނަށް ބޭނުންކުރެވޭގޮތަށް ހަދާފައިވާ ސިސްޓަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ މެކޭނިކަލް ސިސްޓަމް އެތަނުގައި ހުރުމުގެ ސަބަބުން ތަނުގައި ބާކީ އޮތް ހުސް ޖާގަ ވެސް އާންމުންނަށް ބޭނުން ނުކުރެވޭ ކަމަށެވެ.