ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ ތެރޭގައި ކަނޑައަޅާފައި ހުންނަ އުސޫލުތަކުގެ ބޭރުން ވަކި ހާއްސަ ހުއްދަ ދެވޭ ދެވުމަކީ ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމަށް އާންމުން ކުރާ އިތުބާރު ކުޑަވެ، ޝައްކު ކުރުމުގެ ޖާގަ އުފެދުމުގެ އިހުތިމާލު ނުހަނު ބޮޑުވެގެންދާނެ ކަމެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން އެހެން ބުނެފައިވަނީ، ކޮވިޑާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާ ގޮތާ ގުޅޭގޮތުން އެ ކޮމިޝަނުން ބަލަމުންގެންދާ މައްސަލައިގައި މިހާތަނަށް ފާހަގަކުރެވޭ ކަންތައްތަކުގެ ހުލާސާ ރިޕޯޓުގައެވެ.
ނަމަވެސް އެ ރިޕޯޓުގައި ބުނެފައިވަނީ، އެ މައްސަލައަކީ ތަހުގީގު ކުރެވެމުންދާ މައްސަލައަކަށްވާތީ އިތުރަށް ހޯދަންޖެހޭ މައުލޫމާތުތަކާއި ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ ވެންޓިލޭޓަރުތައް ގެނައުމަށް ބިޑު ހުށަހެޅުމުގެ ރިކުއެސްޓް 16 ފަރާތަކަށް 23 ފެބްރުއަރީގައި ހެލްތު މިނިސްޓްރީން ވަކިވަކިން ފޮނުވި ކަމަށެވެ. ރިކުއެސްޓާއެކު ފޮނުވި މައުލޫމާތު ކަރުދާހުގައި ވެންޓިލޭޓަރުތައް 10 ދުވަސް ތެރޭގައި ސަޕްލައިކޮށްދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ދިހަ ދުވަސް ތެރޭގައި ވެންޓިލޭޓަރުތައް ސަޕްލައިކޮށްދޭން ކަނޑައަޅާފައިވަނީ ހެލްތު މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުގައި ބުނެފައިވަނީ، ވެންޓިލޭޓަރު ހޯދަން ޖެހުނީ ވަރަށް އަވަސްގޮތެއްގައި ކަމަށްވެފައި ފަރުކޮޅުފުށީގައި ގާއިމުކުރި އައިސީޔޫގެ ހިދުމަތް ދެވެން އޮތީ އެތަކެތި ހޯދައިގެންކަމަށްވުމާއި އަދި 10 ދުވަހުގެ ތެރޭގައި ޕޯޓަބަލް ވެންޓިލޭޓަރު މިނިސްޓްރީއަށް ސަޕްލައިކޮށްދެވިދާނެ ކަމަށް މިނިސްޓްރީގެ ސަޕްލައި ޑިވިޝަންގެ ޓެކްނިކަލް ބޭފުޅުންނަށް ފެންނާތީ ކަމަށެވެ.
އެގޮތުން ރިކުއެސްޓް ފޮނުވި ފަރާތްތަކުގެ ތެރެއިން ޕްރީބިޑް މީޓިންއަށް ނުވަ ފަރާތަކުން ހާޒިރުވެ އެކަމަށް ހަތަރު ފަރާތަކުން ބިޑް ހުށަހެޅި ކަމަށާއި އެ ހަތަރު ފަރާތުގެ ތެރެއިން ވެންޓިލޭޓަރުތައް 10 ދުވަސް ތެރޭގައި ސަޕްލައިކޮށްދޭނެ ކަމަށް ބުނެ، ބިޑު ހުށަހަޅާފައިވަނީ ނާޑު ޕްރައިވެޓް ލިމިޓެޑުން އެކަނި ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
އެހެންކަމުން ހެލްތު މިނިސްޓްރީއަށް ހަތަރު ޓްރާންސްޕޯޓަބަލް ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށްޓަކައި ހެލްތު މިނިސްޓްރީއާ ނާޑު ކުންފުންޏާ ދެމެދު 8 މާޗްގައި އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުން ނާޑު ކުންފުންޏަށް ސަޕްލައިކުރުމަށް ހަވާލުކޮށްފައިވާ ވެންޓިލޭޓަރުތަކުގެ ޕްރޮކިއުމަންޓް ޕްރޮސެސް ކުރިއަށް ގެންގޮސްފައިވަނީ ރެސްޓްރިކްޓެޑް ޓެންޑަރިންގެ އުސޫލުންނެވެ.
އޭސީސީގެ ރިޕޯޓްގައި ބުނީ، ދިހަ ދުވަސްތެރޭގައި ތަކެތި ސްޕަލައިކޮށްދޭންޖެހޭ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވީ ނަމަވެސް އެ މުއްދަތަށް ޑެލިވަރީކޮށްދެވެން ނެތުމުން ޑެލިވަރީގެ މުއްދަތު، އެކެއް އޭޕްރިލްއާ ހަމައަށް އިތުރުކޮށްދިނުމަށް ނާޑު ކުންފުނިން އެދުމުން، އެގޮތުގެ މަތިން މުއްދަތު އިތުރުކުރުމަށް ހެލްތު މިނިސްޓްރީގެ ބިޑު ކޮމެޓީން ނިންމި ކަމަށެވެ.
ނަމަވެސް ނާޑު ކުންފުންޏަށް އެ ޕްރޮކިއުމަންޓް ލިބުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެހެން ސަޕްލަޔަރުންނަށްވުރެ ކުރު މުއްދަތެއް ހުށަހަޅައިގެން މުއްދަތުގެ ބައިން އިވެލުއޭޝަންގައި ގިނަ ޕޮއިންޓް ލިބިފައިވުން ކަމަށްވެފައި އެ ކުންފުންޏާ ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ސަޕްލައިކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވެސް ކޮވިޑުގެ ހާލަތު ދުނިޔެއަށް ދިމާވެ، އެކަމުގެ ދަތިކަން އެކި މިންވަރަށް ކުރިމަތިވެފައިވާ ދުވަސްވަރެއްގައިކަމަށް ވުމުން އެ ކުންފުނިން ހުށަހަޅާފައިވާ މުއްދަތަކީ އެ ހާލަތު ދެނެތިބެ ހުށަހަޅާފައިވާ މުއްދަތެއްކަމަށް ބެލެވޭއިރު، މުއްދަތަށް ތަކެތި ޑެލިވާނުކުރެވިގެން މުއްދަތު އިތުރުކޮށްދޭ ހާލަތުގައި، ހަމައެކަނި ކޮންޓްރެކްޓަރު ހުށަހަޅާ ސިޓީއަކަށް ބަލައި މުއްދަތު އިތުރުކޮށްދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމާއި މުއްދަތު އިތުރުކުރަން ހުށަހަޅާ ސަބަބު މިނިސްޓްރީގެ ފަރާތުން ކަށަވަރުކުރަން ޖެހޭނެކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުގައި އިތުރަށް ބުނީ، ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫޫލުން ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތުގެ ތެރެއިން ތިން ފަރާތަކާ ޖުމުލަ 145 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ހަވާލުކޮށްފައިވާތީ އެފަރާތްތައް ކަނޑައެޅުނު ގޮތް ސާފުކޮށްދިނުމަށް އޭސީސީން ހެލްތު މިނިސްޓްރީގައި އެދުނު ކަމަށެވެ.
އެގޮތުން އެފަރާތްތައް ކަނޑައަޅާފައިވަނީ އެއްފަރާތާ ހަވާލުކުރުމުން ނުލިބި ލަސްވެދާނެ ކަމަށް ފެންނާތީ އެ މިނިސްޓްރީއަށް އިތުބާރު ހިފޭ ކުންފުނިތަކަކަށް ބަހާލައިގެން ވެންޓިލޭޓަރު ގެނައުން ރަނގަޅުވާނޭ ކަމަށް އެ މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުންނަށް ފެންނާތީ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.
އޭސީސީގެ ރިޕޯޓުގައި އެސްޓީއޯއަށް ނިއޯނޭޓަލް އޮޕްޝަން ހިމެނޭ 50 ވެންޓިލޭޓަރު ސަޕްލައިކޮށްދޭން ހުށަނޭޅި މައްސަލައަކީ ރަނގަޅަށް ނިންމި ނިންމުމެއް ކަމަށް ވެސް ބުނެފައިވެއެވެ.
އެ 50 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހު ސަރުކާރުން ހަވާލުކުރީ މެޑްޓެކް މޯލްޑިވްސްއާއެވެ. އެއީ 14.4 މިލިއަން ރުފިޔާއަށެވެ. އެއްބަސްވުމުގައި ބުނެފައިވާ ގޮތުން އެ 50 ވެންޓިލޭޓަރު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ސަޕްލައިކޮށްދޭން ޖެހެއެވެ.
ރިޕޯޓުގައި ބުނެފައިވަނީ، އެ ޕްރޮޖެކްޓުގެ މުއްދަތު 10 މެއި އާ ހަމައަށް އިތުރުކޮށްދިނުމަށާއި އައިސީޔޫ 10 ވެންޓިލޭޓަރުގެ ގޮތުގައި ކުރިން ހުށަހަޅާފައިވާ ބްރޭންޑްގެ ބަދަލުގައި މެކިކްސް ބްރޭންޑްގެ 10 ވެންޓިލޭޓަރު ސަޕްލައިކުރުމުގެ ހުއްދަ ދިނުމަށް އެދޭ ކަމަށާއި އެ ވެންޓިލޭޓަރުތައް ކުންފުންޏަށް ލިބިފައިވަނީ މިނިސްޓްރީއަށް ހުށަހެޅި އަގަށްވުރެ ބޮޑު އަގުގައި ނަމަވެސް އެތަކެތީގެ އަގަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ބަޔާންކޮށް ހެލްތު މިނިސްޓްރީއަށް މެޑްޓެކް މޯލްޑިވްސް އިން ހުށަހެޅި ކަމަށެވެ.
އެގޮތުން މެޑްޓެކުން ހުށަހަޅާފައިވާ މޮޑެލްގެ ވެންޓިލޭޓަރުތައް ބަޔޯމެޑިކަލް ޔުނިޓުން ބެލުމަށްފަހު ސްޕެސިފިކޭޝަނަށް ފެތޭނަމަ ކުރިއަށް ގެންދިއުމަށާއި މެޑްޓެކުން ދީފައިވާ މައުލޫމާތަށް ބަލައި އެފަރާތުން ފުރަތަމަ ޑެލިވާކުރުމަށް ނިންމާފައިވާ 18 ވެންޓިލޭޓަރު ގެނައުމުގެ މުއްދަތު 10 މެއިގެ ނިޔަލަށް އިތުރުކޮށްދިނުމަށާއި ބާކީހުރި ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނެވޭނެ އެންމެ އަވަސް މުއްދަތެއް އެފަރާތާ ވާހަކަ ދައްކައިގެން ހޯދުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ނަމަވެސް މެޑްޓެކުން ހުށަހަޅާފައިވާ ގޮތަށް މުއްދަތު އިތުރުކޮށްދިނުމާ މެދު ހެލްތު މިނިސްޓްރީން ވަކިގޮތެއް ނިންމާފައިވާކަން މިހާތަނަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޭސީސީގެ ރިޕޯޓުގައި ބުނެފައިވަނީ އެމަޖެންސީ އައިސީޔޫ ފެސިލިޓީއަށް ބޭނުންވާ 200 ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ހަވާލުކުރީ ފިނޭންސް މިނިސްޓްރީން ހެލްތު މިނިސްޓްރީގެ ބިޑް އިވެލުއޭޝަން ކޮމެޓީއަށް އެގޮތަށް ހުއްދަ ދިނުމުން ކަމަށެވެ.
އެގޮތުން މާލިއްޔަތާ ބެހޭ ސާކިއުލާއަށް ހަަވާލާދީ ފިނޭންސް މިނިސްޓްރީން 30 މާޗްގައި ހެލްތު މިނިސްޓްރީއަށް ފޮނުވާފައި ސިޓީގައި ކޮވިޑާ ގުޅިގެން ކުރަންޖެހޭ އެންމެހައި ހަރަދުތަކަކީ ދައުލަތަށް ގެންލުންނުވާނޭހެން ކުރެވޭ ހަަރަދުތަކެއްކަމުގައި ހެދުމަށްޓަކައި، އެކަމާ ގުޅިގެން ކުރެވޭ މައިގަނޑު ހަަރަދުތައް ކުރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެ މިނިސްޓްރީއާއި ހެލްތު މިނިސްޓްރީ އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީގެ ސީނިއާ ލެވެލްގެ މުވައްޒަފުން ހިމެނޭ ކޮމިޓީއަކުން ރިވިއުކުރުމަށްފަހު ނިންމާ ގޮތެއްގެ މަތިން ހަރަދުކުރުމަށް ނިންމާފައިވާކަން އަންގާފައިވެއެވެ.
އެގޮތުން ދައުލަތުގެ އޮފީސްތަކުން ކޮވިޑާ ގުޅިގެން ކުރާ ހަރަދުތަކުގެ ތެރެއިން 35000 ރުފިޔާ އަށްވުރެ ބޮޑެތި ހަަރަދުތައް ކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް އަންގާފައިވާނޭ ކަމަށާއި ނަމަވެސް މިފަދަ ދަނޑިވަޅެއްގައި ހެލްތު މިނިސްޓްރީން ކުރަންޖެހޭ ހަރަދުތައް ކުރުމުގެ ކުރިން އެ މިނިސްޓްރީއަށް ލިޔެ ހުއްދަ ހޯދުމަކީ ދަތިކަމެއް ކަމަށް ފެންނާތީ އެފަދަ ހަރަދުތައް ކުރުމުގެ ކުރިން މި ކޮމިޓީއަށް ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހު ކުރުން އެންމެ ރަނގަޅުކަމުގައި އަންގާފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.
ރިޕޯޓުގައި ބުނެފައިވަނީ، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ލިބިދާނެ ކަމަށް އަންގާފައިވާތީ އެތަކެތި ގެނައުމަށްޓަކައި އެތަކެތީގެ ޖުމްލަ އަގުގެ 75 ޕަސެންޓަށްވާ ފައިސާ އެޑްވާންސްކޮށް އެ ކުންފުންޏަށް ދައްކަންޖެހޭ ކަމަށާއި އެހެންކަމުން އެކަމުގެ ހާއްސަ ހުއްދައެއް ލިބޭނެ ގޮތް ހަމަޖައްސައިިދިނުމަށް ހެލްތު މިނިސްޓްރީން ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. އަދި އެ ސިޓީއާ ގުޅިގެން ވެންޓިލޭޓަރުތައް ގެނައުމަށްޓަކައި ދައްކަންޖެހޭ އެޑްވާންސް ފައިސާ، ދައުލަތުގެ މާލިއްޔަތު ގަވާއިދު 10.67 (ނ) އަށް ރިއާޔަތްކޮށް ދެއްކުން އެންމެ ރަނގަޅުކަމުގައި އަންގާފައިވާ ކަމަށް ބުނެފައިވެއެވެ.
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.67 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ މަސައްކަތް ކުރުވުމާއި ހިދުމަތް ހޯދުމާއި ތަކެތި ގަތުމުގެ ބީލަންތަކުގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިންގަނޑަށްވުރެ (ޖުމްލަ އަގުގެ 15 ޕަސަންޓް) އިތުރަށް އެޑްވާންސް ފައިސާ ދޫކުރެވޭނީ، މިނިސްޓަރަށް ލިޔުމަކުން ހުށަހަޅައި، މިނިސްޓަރުގެ ހުއްދަ ލިޔުމަކުން ލިބިގެން ކަމަށެވެ.
ރިޕޯޓުގައި ބުނީ، ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު އޭޕްރިލް ދެވަނަ ދުވަހު އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެކު ހެލްތު މިނިސްޓްރީން ސޮއިކުރި ކަމަށެވެ. އަދި އެކުންފުނީގެ އިންވޮއިސްގައި، އިންވޮއިސްގައިވާ ފައިސާގެ ޖުމްލަ ލިބޭތާ ހަތަރު ހަފްތާ ތެރޭގައި ތަކެތި ޑެލިވަރީ ކުރެވޭނޭ ކަމަށާއި ނަމަވެސް އެކަން ބިނާވެފައިވާނީ ވައިގެ ދަތުރުފަތުރަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެގޮތުން އެޑްވާންސް ފައިސާ 1 އޭޕްރިލްގައި އަދި ކޮންޓްރެކްޓުގެ އަގުގެ ބާކީ 15 ޕަސެންޓް 27 އޭޕްރިލްގައިި ހަރަދުކޮށްފައިވާ ކަމަށާއި އަދި އިންވޮއިސްއާ އެއްގޮތަށް 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު މިމަހުގެ 18 ވަނަ ދުވަހު ރާއްޖެ ފޮނުވާނެ ކަމަށް މައުލޫމާތުދިން ނަމަވެސް އެތަކެތި އެތާރީހަށް ލިބިފައިނުވާ ކަމަށް އޭސީސީގެ ރިޕޯޓުގައިވެއެވެ.
އޭސީސީގެ ރިޕޯޓުގައި ބުނެފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ގާާނޫނީ ނިޒާމުގައި ދައުލަތުގެ މާލިއްޔަތަށާއި ޕްރޮކިއުމަންޓުގެ އެންމެހައި ކަންކަމަށް ޒިންމާވުމާއި ޖަވާބުދާރީވުމާއި ޖަވާބުދާރީ ކުރުވުމަށް އެކި ކަހަލަ ކޮންޓްރޯލްތައް ހިމަނާފައިވާ ކަމަށެވެ.
މިފަދަ ކޮންޓްރޯލްތަކުގެ ތެރެއިން، އެންމެ މުހިންމު އެއް ކޮންޓްރޯލަކީ ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ ތެރޭގައި، ޕްރޮކިއުމަންޓުގެ އެކި ކަންކަމާ ގުޅޭގޮތުން ދޭންޖެހޭ ތަފާތު އެކި ހުއްދަތައް ކަމަށާއި މިފަދަ ހުއްދަތަކާ ގުޅޭގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލަށް ބަލާއިރު، ގަވާއިދުގައި ހުއްދަ ދޭނެ ކަންކަމާއި ޕްރޮކިއުމަންޓަށް ހުއްދަ ދިނުމަށް ދަރަޖަކުރެވިފައިވާ ގޮތްތަކާއި ހުއްދަ ދޭނެ ފަރާތްތައް ތަފުސީލުކުރެވިފައިވާ ކަމަށެވެ.
އެގޮތުން ކަނޑައަޅާފައި ހުންނަ އުސޫލުތަކުގެ ބޭރުން، ވަކި ހާއްސަ ހުއްދަ ދެވޭ ދެވުމަކީ، ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ މައިގަނޑު މަގުސަދުތައް ހާސިލުކުރުމަށް ހުރަސްއެޅޭ އަދި ކޮރަޕްޝަނުގެ ހިރާސް އިތުރުވާނެ ކަމެއް ކަމަށާއި މިފަދަ އަމަލުތަކުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމަށް އާންމުން ކުރާ އިތުބާރު ކުޑަވެ، ޝައްކު ކުރުމުގެ ޖާގަ އުފެދުމުގެ އިހުތިމާލު ނުހަނު ބޮޑުވެގެންދާނެކަން އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ ތެރޭގައި ދެވިފައި ހުންނަ އެކި އިހުތިޔާރުތަކަކީ، ވަގުތާ ހާލަތަށް ރިއާޔަތްކޮށް ލުއިދިނުމަށް ދެވިފައި ހުންނަ އިހުތިޔާރުކަމުގައި ވިޔަސް، އެއިން ހަމަ ކޮންމެ ހާލަތެއްގައިވެސް، އިހްތިޔާރުކުރަން ޖެހޭނީ ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ މައިގަނޑު މަގްސަދުތަކާއި އެ ޕްރޮކިއުމަންޓު ހަރަކާތެއްގެ މައިގަނޑު މަގުސަދު އެންމެ ރަނގަޅަށް ހާސިލުވާނެ، ރައްޔިތުންނަށާއި ދައުލަތަށް އެންމެ ފައިދާހުރި ގޮތްތަކަށް ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.