ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އިންސާފުލިބިވަޑައިނުގެން ނުހައްގުން ޖަލުގައި ހުންނެވުމަކީ ދިވެހި ގައުމަށް ލިބިގެންދިޔަ ބޮޑުހިތާމައެއް ކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ޓުވީޓް ކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސައީދުގެ އެ ޓުވީޓް ރީޓުވީޓް ކުރައްވައިފި އެވެ.
މީހަކު ކުރާ ޓުވީޓެއް ރީޓުވީޓްކޮށްފި ނަމަ އާންމު ގޮތެއްގައި ބަލަނީ އެއީ ޓުވީޓުކުރި މީހާގެ ޓުވީޓަށް ތާއީދުކުރުމުގެ އަމަލެއްގެ ގޮތުގަ އެވެ. ނުވަތަ އެ ޓުވީޓު ކަމުގޮސްގެން ކުރާ ކަމެއްގެ ގޮތުގަ އެވެ.
މުހައްމަދު ސައީދުގެ އެ ޓުވީޓަކީ ރައީސް ޔާމީނަށް އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓުވީޓެކެވެ.
"ރައްޔިތުންގެ ހާލަތަށް އެންމެބޮޑު ކުރިއެރުމެއް ގެނެސްދެއްވި ދިވެހި ތާރީހު ރަން އަކުރުން ފަވާނެ ހިދުމަތްތެރި ރައީސަށް އުފަންދުވަހުގެ ތަހުނިޔާ އަރިސްކުރަން. އިންސާފު ނުލިބި ނުހައްގުން ޖަލުގައި ހުންނެވުމަކީ ދިވެހި ގައުމަށް ލިބިގެންދިޔަ ބޮޑު ހިތާމައެއް." ސައީދުގެ ޓުވީޓުގައި ވިދާޅުވި އެވެ.
ސައީދުގެ ޓުވީޓުގެ އިތުރުން، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރައީސް ޔާމީނަށް އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓުވީޓުވެސް ރައީސް ނަޝީދު ވަނީ ރީޓުވީޓް ކުރައްވައިފަ އެވެ. ޝިޔާމްގެ އެ ޓުވީޓުގައި ހިމެނެނީ ޅެން ބައިތެކެވެ. ޅެން ބައިތުގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފައި ވަނީ ދިވެހީންގެ ދިވެހި ވެރިކަން ދިވެހީންނަށް ކުރެވޭ ކަމާއި މިތަނުގައި އުއްމީދު އޮތްކަން ދިވެހީންނަށް ދައްކައިދިން ވެރިޔެއްގެ ހަނދާން ވާ ކަމަށެވެ. އެ ޅެމުގައި ޝިޔާމް މުހާތަބުކުރައްވާފައި ވަނީ ރައީސް ޔާމީނަށެވެ.
މެންބަރު ސައީދާއި މެންބަރު ޝިޔާމް ރައީސް ޔާމީނަށް ތައުރީފުކުރައްވައި ކުރެއްވި މި ޓުވީޓުތައް ރައީސް ނަޝީދު ރީޓުވީޓް ކުރެއްވީ ކީއްވެ ކަމެއް ނޭނގެ އެވެ.