ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ބަހުސް ކުރަމުން އަންނަ ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން"ގެ ފުރަތަމަ ދެލި ކޮޕީއަކީ މިހާރުގެ ހާލަތަށް ތައްޔާރު ކޮށްފައި އޮތް އެއްޗެއް ނޫން ކަމަށާއި އޭގައި ކަނޑަައަޅާފައިވާ ފީތައް މިހާރު އެކުލަވާލަމުން އަންނަ ޑްރާފްޓްގައި ހިމެނިފައިނުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އެ ޑްރާފްޓުގައި ހިމެނިފައިވާ ފީތައް ބޮޑުކަން ފާހަގަކުރައްވައި އެ ކަންބޮޑުވުމާ ގުޅިގެން ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި، މެންބަރުން ކުރެއްވި ސުވާލުތަކަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ކޮވިޑް 19 ގެ ހާލަތަކީ، އެ ޑްރާފްޓް ހެދިއިރު އޮތް ހާލަތެއް ނޫން ކަމަށެވެ. އެހެންކަމުން މިމަހު 26 އަށް މިހާރު ތައްޔާރު ކުރަމުން އަންނަ ފައިނަލް ޑްރާފްޓުގައި އެ ފީތައް ހިމަނާފައިނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހާރު ކޮމިޓީގައި އޮތް ގައިޑްލައިންގައި ވަނީ ރާއްޖެ އަންނަ ޖެޓްތަކުން ލޭންޑިން ފީއަކަށް 50،000 ޑޮލަރު ނެގުމަށާއި، ސުޕަޔޮޓްތަކުން 10،000 ޑޮލަރު ދައްކަން ޖެހޭ ގޮތަށެވެ. މީގެ އިތުރުން ޓޫރިސްޓުންގެ އަތުން ހާއްސަ ވިސާ ފީއެއްގެ ގޮތުން 100 ޑޮލަރު އަދި ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ބޮލަކަށް 100 ޑޮލަރު ނަގަން ވެސް ވަނީ ހިމަނައިފައެވެ.
މިނިސްޓަރު މިރޭ ވިދާޅުވީ، ކޮވިޑްގެ މިހާރު އިތުރަށް ހާލަތު ރަނގަޅުވެފައިވާތީ، ޓޫރިޒަމަށް ރާއްޖޭގެ ބޯޑަރު ޖުލައި މަހު ހުޅުވާލަން މިހާރު ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ ސަލާމަތީ ފިޔަވަޅުތަކާއެކީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އާއްމުކޮށް ނަގަމުން އަންނަ ފީތައް ފިޔަވައި ބޮޑެތި ފީތަކެއް ނުނަގާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ފައިނަލް ޑްރާފްޓަށް ޓޫރިޒަމް އިންޑަސްޓްރީގެ ހުރިހާ ފަރާތެއްގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ވަޅު އީދު ދުވަހު އެފަރާތްތަކުގެ ހިޔާލުތައް ގައިޑްލައިނުގައި ހިމަނައި ފައިނަލް ޑްރާފްޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހަށް ހުށަހެޅޭނެ ކަމަށެވެ.
އަލުން ރާއްޖޭގެ ބޯޑަރު ޓޫރިޒަމަށް ހުޅުވާލާނީ، އެހެން ހުރިހާ ގައުމަކަށްވުރެ ފަސޭހަ، ފަހި ޑެސްޓިނޭޝަނެއްގެ ގޮތުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.