ޚަބަރު

އީވާއަށް މެންބަރުންނާ އެއްވަރުގެ މުސާރައެއް ދޭން ނިންމައިފިި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله އަށް، އެ މަޖިލީހުގެ މެންބަރުންނާ އެއްވަރުގެ މުސާރައެއް ދިނުމަށް ނިންމައިފިިއެވެ.

މިގޮތަށް ނިންމާފައިމިވަނީ ކޮވިޑް 19އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގެއްލުމުން އަރައިގަތުމަށް ހަރަދު ކުޑަކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން، ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ ހުރިހާ މަގާމުތަކެއްގެ މުސާރައަށް ބަދަލު ގެނެސް އިއްޔެ މަޖިލީހުން ފާސްކުރި އިރު، ރައީސުލް ޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑީާރަށްވުރެ މަޖިލީހުގެ ނާއިބު ރައީސަށް ލިބޭ މުސާރަ ބޮޑުތަނުން އިތުރުވެފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އެގޮތަށް ނިންމެވީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله އަށް، އެ މަޖިލީހުގެ މެންބަރުންނާ އެއްވަރުގެ މުސާރައެއް ދެއްވުމަށް އެދިވަޑައިގެންފައިވާތީ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް އީވާ އަބްދުالله އަށް، މެންބަރުންނާ އެއްވަރުގެ މުސާރައެއް ދެއްވުމަށް އެކަމަނާ އެދިވަޑައިގެންފައިވާތީ، އެގޮތަށް އަމަލުކުރެއްވުމަށް ނިންމަވައިފިި." މަޖިލީހުން މިއަދު ބުނެފައިވެއެވެ.

މަޖިލީހުން އިއްޔެ ފާސްކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މުސާރައިން 35 ޕަސެންޓް އުނިކޮށް، އެމަނިކުފާނަށް ކުރިއަށް އޮތް ތިން މަހު 65،000ރ. ލިބިވަޑައިގަންނަވާ ގޮތަށް އަދި ނައިބު ރައީސް ފައިސަލް ނަސީމަށް 48،000ރ. ލިބިވަޑައިގަންނަވާ ގޮތަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ 100،000ރ އެވެ.

މަޖިލީހުން ފާސްކުރި ބަދަލުތަކާއެކު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްވެސް ލިބިވަޑައިގަންނަވާނީ 57،188ރ އެވެ. އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް މުސާރަ އާއި އިނާޔަތްތައް 74،125ރ. އިން 58،188ރ. އަށް ވަނީ ކުޑަވެފައެވެ.

ނަމަވެސް އަލަށް ގެނައި ބަދަލާއެކު މި މަގާމުތަކަށް ވުރެ ބޮޑުކޮށް، މަހަކު 75،700ރ. މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަޖިލީހުގެ ނައިބު ރައީސް އީވާއަށް ލިބިވަޑައިގަންނަވާނެއެވެ. އަދި މަޖިލީހުގެ މެންބަރުންނަށްވެސް މުސާރައާއި އިނާޔަތުގެ ގޮތުގައި 69،750ރ. ލިބޭނެއެވެ. މަޖިލީހުގެ ރައީސާއި މެމްބަރުންގެ މުސާރަ ބޮޑުވަނީ އެ ބޭފުޅުންނަށް ކޮމިޓީ އެލަވެންސް ލިބޭތީއެވެ. އެގޮތުން މުސާރައިން 30 ޕަސަންޓު އުނިކުރިކަމުގައިވިޔަސް އީވާއަށް އެލަވެންސްގެ ގޮތުގައި 20،000ރ ލިބެއެވެ. މެމްބަރުންގެ އަސާސީ މުސާރައިން 30 ޕަސެންޓް އުނިކުރިޔަސް، ކޮމެޓީ އެލަވަންސާއި ލިވިން އެލަވަންސް އިން އެއްވެސް ބައެއް އުންޏެއް ނުކުރެއެވެ.

މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން މަޖިލިހުގެ ރައީސަކީ އެއްވެސް ކޮމެޓީއެއްގައި ބައިިވެރިވެވަޑައިގެންނެވޭ ބޭފުޅެއް ނޫނެވެ. އެހެންވެ ކުރިން ވެސް މަޖިލީހުގެ ރައީސަށް ވުރެ ބޮޑު އަދަދެއް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ހޯދުމުގެ ފުރުސަތު މަޖިިލީހުގެ ނައިބު ރައީސަށް އޮވެއެވެ. އެގޮތުން ކުރިން ކޮމެޓީ އެލަވަންސާއެކު 91،000ރ. ގެ އާމްދަނީއެއް ހޯއްދެވުމުގެ ފުރުސަތު އޮވެއެވެ.

މީގެ އިތުރުން، ސިޓީ ކައުންސިލް މެމްބަރުންނަށް ވުރެ ބޮޑު އަދަދެއް އަތޮޅު ކައުންސިލްތަކުގެ ރައީސުންނަށް ވެސް އެ ބަދަލުގެ ސަބަބުން ލިބޭނެއެވެ.

ސަރުކާރުން މަޖިިލީހަށް ހުށަހެޅީ އަސާސީ މުސާރަތައް 20،000ރ. އަށް ވުރެ ބޮޑު ނުވާ މަގާމުތަކުގެ މުސާރައިން އެއްވެސް އަދަދެއް އުނިނުކުރުމަށެވެ. އަދި 20،000ރ. އާއި 30،000ރ. އާ ދެމެދުގެ އަސާސީ މުސާރަތަކުން 20 ޕަސެންޓް އުނިކުރުމަށާއި 30،000ރ. އާއި 60،000ރ. އާ ދެމެދުގެ އަސާސީ މުސާރައިން 30 ޕަސެންޓް އުނިިކުރުމަށާއި 60،000ރ. ބޮޑު މުސާރަތަކުން 35 ޕަސެންޓް އުނިކުރުމަށެވެ.