ކޮވިޑް 19ގެ ސަބަބުން ޖެންޑާ މިނިސްޓްރީން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ހޯދުމަށް ގުޅަން ހާއްސަކޮށްފައިވާ ނަންބަރު 1421 އަަށް ހިލޭ ގުޅޭނެ ގޮތް ހަމަޖައްސައިފިއެވެ.
ޖެންޑާ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ، އެ މިނިސްޓްރީން ކޮވިޑުގެ ކަންކަމަށް ހާއްސަކޮށްފައިވާ ކޯލް ސެންޓާ ނަންބަރު 1421، ޓޯލް ފްރީ ނަންބަރަކަށް ދިރާގު އަދި އޫރިދޫން ހަދައިދީފައިވާ ކަމަށެވެ. އެކަމަށްޓަކައި ޖެންޑާ މިނިސްޓްރީން ވަނީ އެ ދެ ކުންފުންޏަށް ޝުކުރު އަދާކޮށްފައެވެ.
"ދިރާގު އަދި އޫރިދޫގެ ސީއެސްއާރްގެ ދަށުން ފޯރުކޮށްދިން މި ހިދުމަތް ބަލައިގަނެ މިނިސްޓްރީން ޝުކުރު އަދާކުރަން،" ޖެންޑާ މިނިސްޓްރީގެ ޓުވީޓުގައިވެއެވެ.
ކޮވިޑާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ޖެންޑާ މިނިސްޓްރީން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެގޮތުން މާލޭގައި ތާށިވެފައި ތިބި މީހުންނާއި، ކޮވިޑުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ޖެންޑާ މިނިސްޓްރީން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.