ޚަބަރު

ޖަޕާނުން ދިން އެހީތެރިކަމާއެކު އިމިގްރޭޝަންގެ ވަސީލަތްތައް އިތުރުކުރެވިގެންދާނެ: ހަނަފީ

އަލީ ޔާމިން

ޖަޕާނުން ރާއްޖެއަށް ދިން އެހީއާއެކު އިމިގްރޭޝަނުން ހިދުމަތް ދިނުމުގައި ބޭނުންކުރާ ވަސީލަތްތައް އިތުރުވެގެންދާނެކަމުގައި އިމިގްރޭޝަން ކޮންޓްރޯލާ އަހުމަދު ހަނަފީ ހުސައިން ވިދާޅުވެއްޖެއެވެ.

ޖަޕާނުން ރާއްޖެއަށް އިތުރު 68.8 މިލިއަން ރުފިޔާގެ އެހީ ދިނުމަށް ނިންމައި އެކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މީގެ ކުރިންވެސް ޖަޕާނުން ވަނީ ރާއްޖެއަށް ހިލޭ އެހީ ދީފައެވެ.

އިމިގްރޭޝަން ކޮންޓްރޯލާ ހަނަފީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖަޕާނަކީ އަބަދުވެސް ރާއްޖޭގެ ގާތް އެކުވެރިއެއް ކަމަށާއި އެގައުމުން ފޯރުކޮށްދިން އެހީތެރިކަމާއެކު ރާއްޖޭގެ ބޯޑަރުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރެވިގެންދާނެ ކަމަށެވެ. އަދި ހަނަފީ ވަނީ ޖަޕާނުގެ އެހީތެރިކަމަށްޓަކައި އެގައުމުގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ޖަޕާނުން ދިން އެހީއާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ދީފައިވާ މި އެހީ ބޭނުން ކުރުމަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ އިތުރުން ރާއްޖޭގެ ކަސްޓަމްސް އަދި އިމިގްރޭޝަނުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ކަމަށެވެ.

އެގޮތުން މި އެހީގެ ދަށުން ކަސްޓަމްސް އަދި އިމިގްރޭޝަނަށް ބޭނުންވާ ފޭޝަލް ރިކޮގްނިޝަން ސިސްޓަމް، މޮބައިލް އެކްސްރޭ، ސައްހަ ނޫން ފައިސާގެ ނޫޓު ދެނެގަންނަ މެޝިން، ސްޕެޝަލް ލުމިނެސެންޓް މައިކްރޯސްކޯޕް، ސްޕީޑް ބޯޓް އަދި ވެހިކަލް ފަދަ ތަކެތި ހޯދުމަށް ހަމަޖައްސާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.