އަލީ ޔާމިން
އޯ ލެވެލް އާއި އޭ ލެވެލް އިމްތިހާނުގެ ސެޓްފިކެޓް ދޫނުކުރެވި ލަސްވަނީ ކޮވިޑް 19ގެ ސަބަބުން ބޭރުގެ އެކި ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި ހުރުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރުގައި އޯ ލެވެލް އާއި އޭ ލެވެލް އިމްތިހާނު ހެދި ދަރިވަރުންނަށް ސެޓްފިކެޓް ނުލިބޭކަމުގެ ޝަކުވާތައް ވަނީ ގިނަވެފައެވެ. އެ ޝަކުވާތަކާ ގުޅިގެން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ދެ އިމްތިހާނުގެ ސެޓްފިކެޓްތަކަކީ ޔުނިވާސިޓީތަކުން ޕްރިންޓުކޮށް، ސީލް ޖަހައިގެން ސެންޓަރުތަކަށް ފޮނުވާ އެއްޗެއް ކަމަށާއި ސެޓްފިކެޓުތައް ޕްރިންޓު ކުރަނީ ރީ-ޗެކިން މަރުހަލާ ނިންމައި ދަރިވަރުންގެ ނަތީޖާތައް ކަށަވަރުވުމުން ކަމަށެވެ.
މިނިސްޓްރީން ބުނީ އެ މަރުހަލާ ނިންމައި، ސެޓްފިކެޓުތައް ފޮނުވާ ހިސާބަށް ދިޔައިރު އިނގިރޭސިވިލާތާއި އެހެން ގިނަ ގައުމުތަކުގެ އެއާޕޯޓުތައް ބަންދުކޮށް، ގައުމުތައް ލޮކްޑައުންކޮށްފައި އޮތުމުން ސެޓްފިކެޓުތައް ގެނައުމުގައި ގޮންޖެހުންތަކާ ދިމާވެފައިވާ ކަމަށެވެ. އަދި ސެޓްފިކެޓްތައް ރާއްޖެ ގެނެވުނުހާ އަވަހަކަށް ދަރިވަރުންނަށް ސެޓްފިކެޓް ދޫކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
"ސެޓްފިކެޓްތައް ރާއްޖެއަށް ގެނައުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ސެޓްފިކެޓްތައް އަދި ރާއްޖެއާ ހަމައަށް ގެނެވިފައިނުވާ ވާހަކަ ދަންނަވަމެވެ. ސެޓްފިކެޓްތައް ނުލިބި ލަސްވަނީ އިމްތިހާނުތައް ފޯރުކޮށްދޭ މައި މަރުކަޒުތަކުން ސެޓްފިކެޓްތައް ފޮނުވުމުގައި ދިމާވެގެން އުޅޭ ދަތިތަކެއްގެ ސަބަބުން ކަމުގައި ދަންނަވަމެވެ. އަދި ސެޓްފިކެޓްތައް ލިބުނުހާ އަވަހަކަށް ދަރިވަރުންނަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމުގައިވެސް ދެންނެވީމެވެ..،" މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އާއްމު އުސޫލެއްގެ ގޮތުން، ފެބްރުއަރީ މަހުގެ ފަހުކޮޅު ހިސާބުގައި ކެމްބްރިޖް އިމްތިހާނުގެ ނަތީޖާ ލިބެއެވެ. ނަމަވެސް މިިދިޔަ އަހަރުގެ އޮކްޓޫބަރުގައި ހެދި އެޑެކްސެލް އިމްތިހާނުގެ ސެޓްފިކެޓް ބައެއް ގައުމުތަކަށް ލިބުން ވަނީ ލަސްވެފައެވެ.
މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަތީ ތައުލީމުގެ ފުރުސަތަށް އެދި ހުށަހަޅަން ބޭނުންވެއްޖެ ނަމަ މިހާރު ދޫކޮށްފައިވާ ނަތީޖާގެ ޓްރާންސްކްރިޕްޓް ބޭނުންކުރެވޭނެ ކަމަށާއި އެ ނަތީޖާ ކަށަވަރުކުރަން އިތުރު ލިޔުމެއް ބޭނުންވާ ނަމަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އަށް [email protected] އަށް މެއިލަކުން އެދެވޭނެ ކަމަށެވެ.