އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ކުރިއަށްގެންދާ "ލޯތްބާއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭން"އަށް ބޮޑު ތަރްޙީބެއް ލިބިފައިވާ ކަމަށާއި އެގޮތުން އާންމުންގެ ފަރާތުން ލިބުނު އެހީގައި ދުނިޔޭގެ ހަ ސަރަހައްދުގައި ހިމެނޭ ހަތަރު މީހުންނާއި ހަ މީހުން ދިރިއުޅެމުން އަންނަ 3985 އާއިލާއަކަށް ކާބޯތަކެތީގެ ޕެކޭޖް ހަދިޔާކޮށްދީފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފިއެވެ.
އައިއޭސީން ބުނީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19ގެ މުސީބާތުގެ ދަނޑިވަޅުގައިވެސް ދިވެހިންގެ ހިތްހެޔޮކަން މި ކެމްޕޭންގެ ޒަރިއްޔާއިން ދައްކުވައިދީފައިވާ ކަމަށެވެ. އެގޮތުން ލޮތްބާއެކު ޕެންޑެމިކް ރިލީފް ކެމްޕޭނަށް މިހާތަނަށް ޖުމުލަ 3.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި އެކަނިވެސް 2.4 މިލިއަން ރުފިޔާގެ އެހީ މި ކެމްޕޭނަށް ލިބިފައިވާ ކަމަށެވެ.
މިއަހަރުގެ ލޮތްބާއެކު ޕެންޑެމިކް ރިލީފް ކެމްޕޭން ކުރިޔަށްގެންދަނީ ހަ ސަރަހައްދަކަށް ބަހާލައިގެންނެވެ. އެގޮތުން މި ކެމްޕޭނަށް ކަނޑައަޅާފައިވާ ހަ ގައުމަށް ރާއްޖޭގެ ނިސްބަތުން ބޮޑު އެހީތެރިކަމެއް މިހާތަނަށް ފޯރުކޮށްދެވިފައިވާ ކަމަށް އައިއޭސީން ބުނެއެވެ. މި ކެމްޕޭން ހާއްސަކޮށްފައިވަނީ ޔުގެންޑާ، ފަލަސްތީނު، ސީރިޔާ، ޔަމަން، ނޭޕާލްގެ އިތުރުން މެލޭޝިއާއާއި ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ދަރިފަސްކޮޅުގެ ރެފިއުޖީނަށެވެ.
އައިއޭސީން މަޢުލޫމާތުދޭގޮތުގައި ލޮތްބާއެކު ކެމްޕޭނުގައި ހިމެނޭ އެއް ބައި ކަމަށްވާ އިފްތާރު ޕެކޭޖުތައް ހަދިޔާކުރުމަށް ޑޮނޭޝަން ބަލައިގަތުން ކުރިޔަށްދިޔައީ މި ރޯދަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންނަމަވެސް ކާބޯތަކެތީގެ ޕެކޭޖްތަކަށް ޑޮނޭޝަން ބަލައިގަތުން ކުރިޔަށްދާނެކަން އައިއޭސީން މައުލޫމާތުދެއެވެ. ލޮތްބާއެކު ކެމްޕޭން ހަ ރޯދައިގެ ނިޔަލަށް ކުރިޔަށްގެންދިޔުމަށް އައިއޭސީން ވަނީ ނިންމައިފައެވެ.
ލޮތްބާއެކު ކެމްޕޭނުގެ ޒަރިއްޔާއިން، ޖުމުލަ 60 ޑޮލަރަަށް ހަ މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހުގެ ކާބޯތަކެތީގެ އިތުރުން އެއް މަހުގެ ހައިޖީން ޕެކެއް ދެވޭނެ އިންތިޒާމު އައިއޭސީން ވަނީ ހަމަޖައްސާފަވެއެވެ. ނިކަމެތިންނަށް ކާބޯތަކެތި ހަދިޔާކުރުމުގެ އިތުރުން، ފިތުރު އީދުގެ މުނާސަބާތާ ގުޅިގެން ހަރަކާތްތަކެއް ރާވަމުން އަންނަ ކަމަށް އައިއޭސީން ބުނެއެވެ.
ލޮތްބާއެކު ޕެންޑެމިކް ރިލީފް ކެމްޕޭނުގެ އިތުރުން، އައިއޭސީން ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނިކަމެތިންނަށް އެހީވުމުގެ ގިނަ ކެމްޕޭންތައް ކުރިޔަށް ގެންގޮސްފައެވެ.
އައިއޭސީގެ އެމެޖެންސީ ރިލީފް އެކައުންޓް ނަންބަރު 7770000026259 މެދުވެރިކޮށް މި ކެމްޕޭނަށް ޑޮނޭޓް ކުރުމުގެ ފުރުސަތު އެ ޖަމިއްޔާއިން ވަނީ ހުޅުވާލައިފައެވެ. މި ކެމްޕޭނާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 އަށް ގުޅުމަށް އެޖަމިއްޔާ އިން ވަނީ އެދިފައެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އަންނަނީ ލޮތްބާއެކު 2020 ކެމްޕޭނުގެ ޑިސްޓްރިބިއުޝަންތަކުގެ އެންމެ ފަހުގެ ފޮޓޯތަކާއި ވީޑިއޯތައް އައިއޭސީގެ ފޭސްބުކް ޕޭޖު (https://www.facebook.com/IACMaldives/) ގައި ހިއްސާކުރަމުންނެވެ.