ކޮވިޑް 19އާ ގުޅިގެން ގައުމުގެ އިގުތިސާދު ވެއްޓޭ ވަޅުގަނޑުން އަރައިގަތުމަށް ޗައިނާގެ އެހީތެރިކަމަށް އެދި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ ލޯނެއް ނަގަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރު، ޝަރީފު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި ހާލަތުގައި އަވައްޓެރި ގައުމުތަކުން ވެސް ޗައިނާ އިން ލޯނު ނަގަމުން އަންނަ ކަމަށެވެ.
ޝަރީފް ވިދާޅުވީ، ރާއްޖެ އިކޮނޮމީ ރިކަވަރީއަކަށް ދާން 15 އާއި 20 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ. އެކަމަށް ބޭނުންވާ ހޭދަކޮށްގެން ނޫނީ އަވަސް މުސްތަގުބަލެއްގައި ގައުމުގެ އިގުތިސާދު ނަގައި ކޮޅަށް ނުޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ކޮވިޑް 19ގެ މިހާލަތު ދިމާވެފައިވާ އަވައްޓެރި، އިންޑިއާ އާއި ސްރީލަންކާއިން ވެސް 500 މިލިއަން ޑޮލަރު ޗައިނާއިން ދަރަންޏަށް ނަގާފައިވާ ކަމަށާއި ރާއްޖެ އިން ވެސް 500 މިލިއަން ޑޮލަރުގެ ލޯނު ޗައިނާ އިން ހޯދުމަށް ގޮވާލާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފު އިއްޔެ ވިދާޅުވީ ކޮވިޑުން ލިބޭ ގެއްލުމަށް ސަރުކާރުން މިހާރު ހަމަޖައްސާފައި އޮތް، ރިލީފް ޕެކޭޖަކީ އިގުތިސާދީ ރިކަވަރީކަށް ފުދޭނެ މިންވަރެއް ނޫން ކަމަށެވެ. އަދި ދައުލަތުގެ އިކޮނަމީ ރިކަވާ ކުރުމަށް 15 ބިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.