ކޮވިޑް 19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވުމަށްޓަކައި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އިން ޕީޕީއީ އާއި އެހެން ބައެއް ސާމާނު ހަދިޔާކޮށްފިއެވެ.
މިއަދު މެންދުރުފަހު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މިތަކެތި ހަވާލުކޮށްދެއްވީ ސީމެކް ކުންފުނީގެ ފަރާތުން ރާއްޖޭގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ލިއު ޝިއައޯޑާއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ސީމެކުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ޕީޕީއީގެ އިތުރުން ފޭސް މާސްކާއި ގޮގުލްސް ކަމަށެވެ. މިތަކެތި ހަދިޔާކޮށްފައިވަނީ ފޮރިން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި މޯލްޑިވްސް އިމިގްރޭޝަނަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ކޮވިޑުގެ ސަބަބުން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ބޭނުންވާ ބައެއް ސާމާނު ވެސް އަންނަ ހަފްތާތެރޭ ސީމެކުން ރާއްޖެއަށް ގެނެސް ހަވާލުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
ސީމެކުން މީގެ ކުރިން ވަނީ، ކޮވިޑާ ގުޅިގެން މީހުން ކަރަންޓީނު ކުރުމަށް ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ފާހާނާ ބަރިއެއްވެސް ހަދިޔާކޮށްފައެވެ. އަދި މެޑިކަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓާއި ޑިސްއިންފެކްޓެންޓް ފަދަ ތަކެތި ވެސް މީގެ ކުރިން އެކުންފުނިން ހަދިޔާކޮށްފައި ވެއެވެ.