ކޮވިޑް 19 އާއި ދެކޮޅަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތަށް ޖަޕާނު ސަރުކާރުން 21.7 މިލިއަން ރުފިޔާގެ އެހީއެއް ދީފިއެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ޖަޕާނު ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ޖުމުލަ 21,740,400 ރުފިޔާ ދީފައި ވެއެވެ. ލޮކްޑައުންއަށް ފަހު ރާއްޖެ އަލުން ހުޅުވާލާއިރު ރާއްޖޭގެ ސަރުކާރާއި ވިޔަފާރަވެރިންނަށް މި ފައިސާގެ ސަބަބުން ފައިދާ ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ޖަޕާނު ސަރުކާރުގެ މި ހިލޭ އެހީގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އިތުރު ދާއިރާތަކަށް ހުޅުވާލައި، އެދާއިރާތަކަށް އިންވެސްޓު ކުރުމަށް އެހީތެރިވެދޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި މި އެހީގެ ސަބަބުން ދިގު މުއްދަތެއްގައި ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުމަށް ފައިދާ ކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ ސަރުކާރަށް މި ފައިސާ ހިލޭ އެހީގެ ގޮތުގައި ހޯދައިދިނުމަށް ޔޫއެންޑީޕީން ކުރި މަސައްކަތަށް ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން ޝުކުރު އަދާ ކުރިއެވެ. އަދި ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެދިން އެހީތެރިކަމަށްވެސް މިނިސްޓްރީން ޝުކުރު އަދާ ކުރިއެވެ.
މީގެ ކުރިންވެސް ޖަޕާނު ސަރުކާރުން ވަނީ ކޮވިޑް 19ގެ ކަންކަމުގައި ރާއްޖެއަށް ހިލޭ އެހީ ދީފައެވެ. އެގޮތުން މިމަހު ކުރީ ކޮޅު ޖަޕާނު ސަރުކާރުން ޔުނިސެފް މޯލްޑިވްސް އަށް ހިލޭ އެހީގެ ގޮތުގައި 5,346,000 ރުފިޔާ ދީފައި ވެއެވެ. އަދި ދިވެހި ރެޑް ކްރެސެންޓަށް 2,775,000 ރުފިޔާގެ ހިލޭ އެހީއެއްވެސް ދީފައި ވެއެވެ.