ސިއްހީ މަސައްކަތްތެރިންނަށް ރަމަޟާން މަހު އިތުރު ގަޑީގެ އެލަވަންސް ދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިކަން އާންމު ކޮށްފައިވަނީ އިއްޔެ ނެރުނު ސާކިއުލާއެއްގައެވެ.
މި ސާކިއުލާގައި މިނިސްޓްރީން ވަނީ ކޮވިޑް 19 އާއި ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ހޮނިހިރު ދުވަހު މިނިސްޓްރީން ނެރުނު ސާކިއުލާގެ ހަ ވަނަ މާއްދާއަށް އަމަލު ކުރާނީ ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހަށް ފަހު ކަމަށް ބުނެފައެވެ. އެއީ ރަމަޟާން މަހަކީ ހާއްސަ މަސައްކަތު ގަޑިތަކެއް ކަނޑައެޅިފައިވާ ގަޑިތަކަކަށް ވާތީ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެގޮތުން 1441 ގެ ޝައްވާލް މަހުގެ ހަތް ވަނަ ދުވަހާއި ހަމަޔަށް އިތުރު ގަޑީގެ ފައިސާ ކަނޑައެޅުމުގައި އަމަލު ކުރާނީ ކުރިންވެސް އަމަލު ކުރަމުން އައި އުސޫލަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި 1441 ގެ ޝައްވާލް މަހުގެ އަށްވަނަ ދުވަހުން ފެށިގެން އިތުރު ގަޑީގެ އެލަވަންސް ދިނުމުގައި އަމަލު ކުރާނީ މިނިސްޓްރީން ހޮނިހިރު ދުވަހު ނެރުނު ސާކިއުލާއާއި އެއްގޮތަށް ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.