ޚަބަރު

ޔޫތު މިނިސްޓްރީގެ ބައެއް މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދައިފި

އަހުމަދު ޖައިޝަން

ސަރުކާރުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން ޔޫތު މިނިސްޓްރީން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫއުތަކާ ގުޅޭގޮތުން އާންމުންގެ ހިޔާލުތައް ހުރި ގޮތް ހޯދުމަށް ރައްޔިތުންނާ ބައްދަލުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ރޭ ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެ މަޝްވަރާ ބައްދަލުވުމުގައި ބޮޑަށް އަލި އަޅުވާލާފައި ވަނީ މާލޭގައި ސްވިމިންގް ޕޫލެއް ހެދުމާއި މާލޭގެ ސަރަހައްދުތަކުގައި ޖިމް އިކުއިޕްމަންޓު ބެހެއްޓުމާއި އަދި ހަފްތާ ބަންދުގައި ބޭއްވޭ "ހަފްތާ ރެސް" މާރުކޭޓު ހިންގާނެ ގޮތަކާ މެދު އެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ ރައްޔިތުންނާ ގާތުން ވެރިކަން ކުރަން ބޭނުންވާ ސަރުކާރެއްގައި އެކި މަސައްކަތްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުން ވަރަށް މުހިއްމު ކަމަށެވެ.

އަދި އެންމެ ފުރިހަމަ ގޮތަށް ސަރުކާރެއް ހިންގޭނީވެސް ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.