ޚަބަރު

ކޮވިޑާ ދެކޮޅަށް މަސައްކަތްކުރުމަށް ދެމެހެއްޓެނިވި އުސޫލެއް ބޭނުންވޭ: ކާނަލް ނާޒިމް

އަލީ ޔާމިން

ކޮވިޑާ ދެކޮޅަށް މަސައްކަތްކުރުމަށް ދެމެހެއްޓެނިވި އުސޫލެއް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގައުމާއި އިގުތިސާދު ލޮކްޑައުންކޮށްގެން ތިބުމުގެ ސަބަބުން މީހުންގެ އާމްދަނީ ލިބުން ގެއްލި ފަގީރުކަން އާންމުވެ، އިޖުތިމާއީ ވަބާތައް ކުރިމަތިވެދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކޮވިޑު ޖެހިގެން މީހުން މަރުވާ ވަރަށްވުރެ ގިނަ މީހުން މަރުވެދާނެ ކަމާ މެދުވެސް ނާޒިމް ސުވާލު އުފެއްދެވިއެވެ.

"ގައުމު އަދި އިގުތިސާދު ލޮކްޑައުންކޮށްގެން ތިބުމުގެ ސަބަބުން މީހުންގެ އާމްދަނީ ގެއްލި، ފަގީރުކަން އާންމުވެ އަދި އިޖުތިމާއީ ވަބާތައް ކުރިމަތިވެ ކޮވިޑް 19 އަށްވުރެ ގިނައިން މީހުން ދުނިޔެ ދޫނުކުރާނެތޯ؟." ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ، ކޮވިޑަށް ވެކްސިނެއް އުފެއްދެންދެން، މަސްތަކެއް ނުވަތަ އަހަރުތަކެއް ވަންދެން ތިބޭނީތޯ ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އަދި ވަލްނަރަބަލް ގްރޫޕްތަކަށް ހާއްސަ އިސްކަމެއް ދީގެން ގައުމު އަދި އިގުތިސާދު ހުޅުވާލާނީތޯ ސުވާލު އުފައްދަން ޖެހޭ ކަމަށެވެ.

ނާޒިމް ވަނީ، ކޮވިޑްގެ ސަބަބުން އިގުތިސާދަށް ބޮޑެތި ލޮޅުންތައް އަންނަމުންދާ އިރު، އެކަމުން އަރައިގަތުމަށް އުސޫލުތަކެއް އެކުލަވާލައި އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރައްވައިފައެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ހުއްޓުމަކަށް އައިސް، އެކަމުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާގޮތުން އިގުތިސާދަށް ބޮޑު ލޮޅުމެއް އައިސްފައެވެ.