ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހާލަތު އިތުރަށް ގޯސް ނުވާނަމަ، ޖުލައި މަހު ބޯޑަރު ހުޅުވާލައި ރިސޯޓުތައްވެސް ހުޅުވާލަން ނިންމައިފި

ރާއްޖޭގައި ކޮވިޑް 19ގެ ހާލަތު އިތުރަށް ގޯސް ނުވާނަމަ، ޖުލައި މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވާލައި ހަމަ އެމަހު ރިސޯޓުތައްވެސް ހުޅުވާލަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮވިޑް 19އާ ގުޅޭގޮތުން ގައުމާ މުހާތަބުކުރައްވައި މިރޭ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސިއްހީ ހިދުމަތްތެރިންގެ ލަފަޔާ އެއްގޮތަށް، މިހާރު އަޅާފައިވާ ފިޔަވަޅުތައް، ރައްޔިތުންގެ އެއްބާރުލުމާއެކު ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، މާލެ ސަރަހައްދުގައި އޮތް ލޮކްޑައުންގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

"މި ދެންނެވި ލުއިތަކާއެކު ރާއްޖޭގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްނުވެ، ރަނގަޅަށް ދާނަމަ، އިރާދަކުރެއްވިއްޔާ އަންނަ ޖުލައި މަހުގެ ތެރޭގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވާލަން މިހާރު ވަނީ ނިންމާފައި. އޭގެ އިތުރުން ރިޒޯޓްތައް ހުޅުވުމުގެ ހުއްދަ ދެވޭނެ. މިކަންކަން ކުރާނެ ގޮތުގެ ގައިޑްލައިންތައް ކަމާ ބެހޭ ދާއިރާތަކުގެ އިރުޝާދާއެކު މިހާރު އަންނަނީ ކަނޑައަޅަމުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލޮކްޑައުނަށް ދެވޭ ލުއިތަކުގެ ސަބަބުން ރާއްޖޭގައި މި ބަލީގެ ހާލަތު އިތުރަށް ގޯސްވާނަމަ، ލޮކްޑައުންގެ ހާލަތަށް އެނބުރި ދާންޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ލޮކްޑައުނަށް ދެވޭ ލުއިތަކަކީ ކުރިން އުޅެމުންދިޔަ އާންމު ދިރިއުޅުމަށް މުޅިން ބަދަލުވުން ކަމުގައި އަދި ދެކިގެން ނުވާނެ ކަމަށެވެ. އަދި ލުއިތަކެއް ދިނުމުގެ މާނައަކީ ކޮވިޑް ބަލި ރާއްޖެއިން ފިލައިގެން ދިއުމެއް ނޫން ކަމަށާއި މި ލުއިތައް ދެނީ، މި ބަލީގެ ނުރައްކާތަކުން މުޅިން ސަލާމަތްވެގެން ކަމުގައިވެސް އަދި ގަބޫލުކޮށްގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފަހުން އިތުރުކުރި ލޮކްޑައުންގެ މުއްދަތު ހަމަވާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މި ލޮކްޑައުނަށްފަހު ގެއިން ބޭރަށް ނުކުތުމަށް ލުއިތަކެއް ދީ، މިސްކިތްތަކާއި ހޮޓާ ވިޔަފާރިތައް ހުޅުވާލައި ސްކޫލުތަކުގެ ކިޔެވުންވެސް ވަކި އިންތިޒާމެއްގެ ދަށުން ފެށިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.