ޚަބަރު

ތާޒާ ފެން އުފައްދާ ކުންފުނީގެ ހަ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ، ވަގުތީގޮތުން ހިދުމަތް މެދުކަނޑާލައިފި

އަލީ ޔާމިން

ތާޒާ ފެން އުފައްދާ ކުންފުނި، އައިލެންޑް ބެވަރޭޖަސް ޕްރައިވެޓް ލިމިޓެޑްގެ ހަ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ، އެކުންފުނީގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އައިލެންޑް ބެވަރޭޖަސް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެކުންފުނީގެ ބިދޭސީ ހަ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މުވައްޒަފުންތަކެއް ޕޮޒިޓިވްވުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމަށް ވަގުތީގޮތުން އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް މެދުކަނޑާލައިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން އެޗްޕީއޭއާއެކު މަސައްކަތްކޮށްގެން ހިދުމަތް އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އައިލެންޑް ބެވަރޭޖަސް އިން ބުނެއެވެ.

އައިލެންޑް ބެވަރޭޖުގެ މުވައްޒަފުންތަކެއް ޕޮޒިޓިވްވި އިރު، އެމްޓީސީސީ އާއި އެސްޓީއޯ އަދި މޯލްޑިވް ގޭހުގެ ބައެއް މުވައްޒަފުން ވެސް ވަނީ މީގެ ކުރިން ބައްޔަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި މިހާތަނަށް 1186 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 91 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ހަތަރު މީހަކު ވަނީ ބަލީގައި މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ މީހެކެވެ.