ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފުރަބަންދު ތަންފީޒުވަމުންދާ ނަމަ މިމަހު 28 ގެ ފަހުން ލުއިތަކެއް ދޭން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވެއްޖެ

ފުރަބަންދު ރަނގަޅަށް ތަންފީޒުވަމުންދާ ނަމަ މާލޭ ސަރަހައްދުގައި މިހާރު މި އޮތް ލޮކްޑައުން ނިމުމުން، (މިމަހު 28 ގެ ފަހުން) ލުއިތަކެއް ދެއްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮވިޑް 19އާ ގުޅޭގޮތުން ގައުމާ މުހާތަބުކުރައްވައި މިރޭ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މާލެ ސަރަހައްދުން ލޮކްޑައުންގެ ހާލަތަށް ލުޔެއްދޭއިރު، އެކަންކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި އެގޮތުން ފުރަތަމަ ކަމަކީ ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށްވުރެ ފަސޭހަ އިންތިޒާމަކުން ޢާންމު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުން ކަމަށެވެ.

"ސިއްހީ ހިދުމަތްތެރިންގެ ލަފަޔާ އެއްގޮތަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް ރައްޔިތުންގެ އެއްބާރުލުމާއެކު ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، މާލެ ސަރަހައްދުގައި އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދިނުމަށް މިއަންނަނީ ތައްޔާރުވަމުން. މާލެ ސަރަހައްދުން ފުރަބަންދުގެ ހާލަތަށް ލުޔެއްދޭއިރު، އެކަންކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން. މިގޮތުން ފުރަތަމަ ކަމަކީ، ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށްވުރެ ފަސޭހަ އިންތިޒާމަކުން އާންމު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުން. އަދި އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށްވެސް ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ ކަމަށާއި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުމަށްވެސް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސޭނެ ކަމަށެވެ.

"މި ލުއިތައް ދޭނެ ގޮތުގެ ތަފުސީލުތައް ކަމާ ގުޅޭ ފަންނީ ބޭފުޅުން، ކުރިއަށް އޮތް ދުވަސްތަކުގައި ދެއްވަމުން ގެންދަވާނެ. މާލެއިން ފުރަބަންދުގެ ޙާލަތު ދޫކޮށްލާއިރު، ކޮވިޑަށް ޓެސްޓް ކުރުމުގެ ގާބިލުކަން މިހާރަށްވުރެ އިތުރުކޮށް، ފަރުވާ ދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އާލާތްތައްވެސް އިރާދަކުރެއްވިއްޔާ ހަމަކުރެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ބަލި ނެތް އެހެން ރަށްރަށުގައިވެސް ލުއިތަކެއް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށާއި އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން މިހާރު ވިސްނާފައި އޮތީ ކޮވިޑު ފެތުރިފައި ނެތް ރަށްރަށް ވީ އެންމެ އަވަހަކަށް އާންމު ހާލަތަށް ގެންނަން ކަމަށެވެ. އަދި އެފަދަ ރަށްރަށުގައި އާންމު އުސޫލުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖެއްސުމާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދެވޭނެ ކަމަށާއި އޭގެ ފަހުން ސްކޫލްތަކާއި އޮފީސްތައް ހުޅުވަމުން ގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.