ކޮވިޑާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ހިތްހަމަ ނުޖެހޭ ބަޔަކުވެސް ތިބެދާނެ ކަމަށާއި އެހެން ނަމަވެސް ސަރުކާރުން އެޅި ހުރިހާ ފިޔަވަޅެއްވެސް އެޅުއްވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކޮވިޑް 19އާ ގުޅޭގޮތުން ގައުމާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ބައްޔަށްފަހު އާންމު ދިރިއުޅުމަށް އެނބުރި ދިއުމަށް ތައްޔާރުވާން ޖެހޭ ކަމަށެވެ. އަދި މި ބަލީގެ ސަބަބުން ކުރިމަތިވެފަިއވާ އިގުތިސާދީ އަދި އިޖުތިމާއީ ދަތިތަކުން އަރައިގަތުމަށް އުފެއްދި ޓާސްކް ފޯސްގެ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގައި ކޮވިޑް 19 ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅާފައިވާ އެކި ފިޔަވަޅުތަކާ މެދު ހިތްހަމަ ނުޖެހޭނެ ބަޔަކުވެސް ތިބޭނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ކޮވިޑާ ދެކޮޅަށް އަޅަފައިވާ ހުރިހާ ފިޔަވަޅުތަކަކީ ވެސް އެންމެންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅުތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި އެގައުމުތަކަށް ބަލި އެތެރެވިތާ ކުރީކޮޅު އެފަދަ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން އެގައުމުތަކުން އުފުލާ އުނދަގޫތައް ފެންނަ ކަމަށެވެ.
"ރާއްޖޭގައި ކޮވިޑް 19 ފެތުރެން ފެށިތާ އެންމެ ދޮޅު މަސްވެސް ނުވަނީސް، މިކަމުން އަރައިގަތުމުގެ ވާހަކަ، މާތް ﷲގެ ވާގިފުޅާއެކު މި ދެކެވެނީ، ދުރާލައި މި ފިޔަވަޅުތައް އެޅުމުގެ ސަބަބުން. އެހެން ނޫންނަމަ، އަޅުގަނޑުމެންވެސް މިއަދު ތަޖުރިބާކުރަމުން ދާނީ ސިއްހީ ތަޖުރިބާކާރުން އަންދާޒާކުރެއްވި އެންމެ ނުރައްކާތެރި ހާލަތު." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިއްހީ ހިދުމަތްތެރިންގެ ލަފަޔާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން އެއްބާރުލުންދީ، ކަންކަން ރަނގަޅަށް ތަންފީޒުވާނަމަ، ލޮކްޑައުން މުއްދަތު ހަމަވުމުން ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.