ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފިނޭންސުން ކުއްޔަށް ދީފައި ހުރި ހުރިހާ ބިންތަކެއްގެ ކުލި 6 މަސް ދުވަހަށް ފަސްކޮށްދީފި

ފިނޭންސް މިނިސްޓްރީން ކުއްޔަށް ދީފައި ހުރި ހުރިހާ ބިންތަކެއްގެ ކުލިވެސް 6 މަސް ދުވަހަށް ފަސްކޮށްދޭނެ ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިރޭ ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ކުރިއަށް އޮތް ހަ މަހުގެ ބިމު ކުއްޔާއި ފިނޭންސް މިނިސްޓްރީން ކުއްޔަށް ދީފައި ހުރި އެހެން ބިންތަކުގެ ކުލި ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ކޮވިޑްގެ ދަތިކަމުން އަރައިގަނެ، ފަތުރުވެރިކަން އަލުން ފެށިގެންދާއިރު ރިސޯޓްތަކަށް ވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށް ގަބޫލުފުޅުކުރެއްވޭތީ ރިސޯޓްތަކުގެ މިއަހަރުގެ ފަހު ހަ މަސްދުވަހުގެ، ބިމު ކުލި ދައްކަންޖެހޭ މުއްދަތު ވެސް ފަސްކޮށްދިނުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑުގެ ބަލިމަޑުކަމަށްފަހު އާންމު ދިރިއުޅުމަށް އެނބުރި ދިއުމަށް ވެސް ތައްޔާރުވާން ޖެހޭނެކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އަދި އިޖުތިމާއީ ދަތިތަކުން އަރައިގަތުމަށް އުފެއްދި ގައުމީ ޓާސްކު ފޯހުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އަދި ހިދުމަތްތެރިންގެ ލަފަޔާ އެއްގޮތަށް، މިހާރު އަޅާފައިވާ ފިޔަވަޅުތައް ރައްޔިތުންގެ އެއްބާރުލުމާއެކު ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، މާލެ ސަރަޙައްދުގައި އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން މާލެ ސަރަހައްދުން ފުރަބަންދުގެ ހާލަތަށް ލުޔެއްދޭއިރު، އެކަން ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ކަމަކީ، ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި މިހާރަށްވުރެ ފަސޭހަ އިންތިޒާމަކުން އާންމު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ. އެގޮތުން، މިސްކިތްތައް ހުޅުވާލައި ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށް ވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ. ހަމައެއާއެކު ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުމަށް ވެސް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސޭނެ. މިލުއިތައް ދޭނެ ގޮތުގެ ތަފްސީލުތައް، ކަމާ ގުޅޭ ފަންނީ ބޭފުޅުން، ކުރިއަށް އޮތް ދުވަސްތަކުގައި ދެއްވަމުން ގެންދަވާނެ،" ރައީސް ވިދާޅުވިއެވެ.