ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރިސޯޓްތަކުގެ ފަހު 6 މަހުގެ ބިމުކުއްޔާއި ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ 6 މަހުގެ ބިމު ކުލި ފަސްކޮށްދީފި

ރިސޯޓްތަކުގެ މި އަހަރުގެ ފަހު 6 މަހުގެ ބިމުކުއްޔާއި ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ކުރިޔަށް އޮތް 6 މަހުގެ ބިމު ކުލި ފަސްކޮށްދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ

މިރޭ ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮވިޑްގެ ދަތިކަމުން އަރައިގަނެ ފަތުރުވެރިކަން އަލުން ފެށިގެންދާއިރު ރިސޯޓްތަކަށް ވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އެގޮތުން ރިސޯޓްތަކުގެ މިއަހަރުގެ ފަހު ހަ މަސްދުވަހުގެ ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް އިއުލާންކުރެއްވިއެވެ.

"އޭގެ އިތުރުން ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެވެސް، ކުރިއަށް އޮތް ހަ މަހުގެ ބިމު ކުލި، ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން މިހާރު ވާނީ ނިންމާފައި. އަދި ފިނޭންސް މިނިސްޓްރީން ކުއްޔަށް ދީފައި ހުރި އެހެން ބިންތަކުގެ ކުލިވެސް 6 މަސް ދުވަހަށް ފަސްކޮށްދިނުމަށް މިހާރުވާނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްނުވެ، ރަނގަޅަށް ދާނަމަ، އަންނަ ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ރިސޯޓްތައް ހުޅުވުމުގެ ހުއްދަ ދެވޭނެ ކަމަށާއި އެކަންކަން ކުރާނެ ގޮތުގެ ގައިޑްލައިންތައް، ކަމާބެހޭ ދާއިރާތަކުގެ އިރުޝާދާއެކު މިހާރު ކަނޑައަޅަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން އަންނަ ޖުލައި މަހުގެ ތެރޭގައި ބައިނަލްއަގްވާމީ ދަތުރުތަކަށް އެއާޕޯޓް ހުޅުވާލަން ނިންމާފައި މިވަނީ ގާތްގަނޑަކަށް ތިން މަސް ފަހުންނެވެ.