ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރަށެއްގައި ބަލި ފެތުރިއްޖެ ނަމަ ބައްޔާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތް މާ ބުރަވާނެ.: ރައީސް

މަރިޔަމް ޝަހުދާ

އަޅުގަނޑުމެންނަށް ކުރެވޭ ކިތަންމެ ކުޑަކުޑަ ކަމެއްގެ ސަބަބުން ވެސް އަތޮޅުތެރޭގެ ރަށެއްގައި ކޮވިޑް 19 ފެތުރެން ފަށައިފި ނަމަ އެ ރަށެއްގައި މި ބައްޔާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތް މާ ބުރަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ކޮވިޑް 19 އާ ގުޅޭގޮތުން މިރޭ ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން މާލެއިން ރަށްރަށަށް ދާ މީހުން ވަކި މުއްދަތަކަށް ކަރަންޓީނުގައި ބައިތިއްބަން ޖެހެނީ މި ބަލި ފެތުރުމުގެ ފުރުސަތު ހަނިކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭގައި މި ބަލި ފެތުރިފައިވުމުން މާލެއިން ރަށްރަށަށް ދާ މީހުން އެމީހުންގެ ރަށުގައި ކަރަންޓީނު ކުރުމަކީވެސް ރައްކާތެރި ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ ރަށްރަށުންވެސް ބޭނުންވާ ގޮތެއް ނޫން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އަހަރެމެންނަށް ކުރެވޭ ކުޑަކުޑަ ކަމަކުންވެސް ރަށަކުން މި ބަލި ފެނިއްޖެނަމަ އެ ރަށެއްގައި ބައްޔާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތް މާ ބުރަވާނެ ކަމަށާއި އަދި އެރަށުގައި އަޅަން ޖެހޭ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް 19 އަށް 1186 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ އިރު، މީގެ ތެރެއިން ގިނައިން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ މާލެއިން ފެނިފައިވާ މީހުންނެވެ. އަދި އަތޮޅު ތެރެއިން ފެނިފައިވާ މަދު ކޭސްތަކަކީ މާލެއިން ރަށްރަށަށް ދިޔަ މީހުންގެ ތެރެއިން ފެނިފައިވާ ކޭސްތަކެކެވެ.