ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުކުރުމުގެ ސަބަބުން، މާލޭގައި ތާށިވި މީހުންގެ ތެރޭގައި ހިމެނޭ ރަށްރަށަށް ދާން ޖެހޭ މީހުންގެ ތެރެއިން 1078 މީހަކު ކަރަންޓީނަށް ފޮނުވިއްޖެ ކަމަށާއި ބާކީ ތިބި މީހުން، މިމަހު 24ގެ ނިޔަލަށް ފޮނުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކޮވިޑް 19އާ ގުޅޭގޮތުން ގައުމާ މުހާތަބުކުރައްވައި މިރޭ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކޮންމެހެން ރަށަށް ދާންޖެހޭ ކަމަށް ފާހަގަކުރެވެނު 1800 މީހުން ތިބި ކަމަށެވެ.
"ފުރަބަންދުގެ ސަބަބުން މާލޭގައި ބަންދުވެފައި ތިބި މީހުންގެ ތެރެއިން، ކޮންމެހެން ރަށަށް ދާންޖެހޭ ކަމަށް ފާހަގަކުރެވެނު 1800 މީހުންގެ ތެރެއިން 1078 މީހަކު ރަށްރަށަށް ގެންދިއުމަށްޓަކައި ކަރަންޓީނަށް ފޮނުވިއްޖެ. އަދި ބާކީ ތިބި މީހުން، މިމަހު 24ގެ ނިޔަލަށް ކަރަންޓީނަށް ފޮނުވޭނެ." ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން އިއްޔެގެ ނިޔަލަށް 3016 މީހަކު މާލެ އައުމަށް ހުއްދަ ދީފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލެއިން ރަށްރަށަށް ދާ މީހުން، ވަކި މުއްދަތަކަށް ކަރަންޓީނުގައި ބައިތިއްބަން ޖެހެނީ ރަށްރަށުގައި ބަލި ފެތުރުމުގެ ފުރުސަތު ހަނިކުރުމުގެ ގޮތުން ކަމަށެވެ. އަދި މާލޭގައި ބަލި ފެތުރިފައިވާތީ މާލެއިން ރަށްރަށަށް ދާ މީހުން އެމީހެއްގެ ރަށުގައި ކަރަންޓީނު ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށާއި އެއީ އެ ރަށްރަށުންވެސް ބޭނުންވާ ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކުރެވޭ ކިތަންމެ ކުޑަ ކަމެއްގެ ސަބަބުން ވިޔަސް، އެއްވެސް ރަށެއްގައި މި ބަލި ފެތުރެން ފަށައިފިނަމަ، އެ ރަށެއްގައި މި ބައްޔާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތް މާ ބުރަވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ރަށެއްގައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ސަބަބުން އެ ރަށެއްގެ ރައްޔިތުންނަށް މާގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.