ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮވިޑާ ސީދާ ގުޅުން ނެތް ކިތަންމެ ކަމަކަށް މިހާލަތުގައި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭންޖެހިފައިވޭ: ރައީސް

އައިދާ އަބްދުލް ހަކީމް

ރައްޔިތުންގެ ދިރިއުޅުމަށް މިހާލަތުގައި ނޭދެވޭ އަސަރު ވީހާވެސް ކުޑަކުރުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އޭގެ ތެރެއިން ކޮވިޑާ ސީދާ ގުޅުން ނެތް ކިތަންމެ ކަމަކަށް ސަރުކާރުން މިހާރުވަނީ ހާއްސަ ސަމާލުކަމެއް ދޭންޖެހިފައި ކަމަށް ރައީސުލްޖުމްހޫރިއްްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގައުމާ މުހާތަބުކުރައްވައި ރައީސް މިރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކޮވިޑް 19 އާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރު ވީހާވެސް ކުޑަކުރުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވިއްޖެ ކަމަށެވެ.

"އޭގެތެރޭގައި މި ބައްޔާ ސީދާ ގުޅުން ނެތް ކިތަންމެ ކަމަކަށް، ސަރުކާރުން މިހާރު ވަނީ ހާއްސަ ސަމާލުކަމެއް ދޭންޖެހިފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ތެރެއިން ހާލުގައި ޖެހިފައިވާ ކިތަންމެ ބަޔަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި ފޯރުންތެރިކަން ނެތް އާއިލާތަކާއި ދޮށީ އުމުރުގެ މީހުންގެ އިތުރުން ހާލުގައި ޖެހިފައި ތިބި މީހުންނަށް ސަރުކާރުން އެހީ ފޯރުކޮށްދެމުން އަންނަ ކަމަށެވެ. ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މީހުންގެ ތެރޭގައި ދިވެހިންނާއި ބިދޭސީންވެސް ހިމެނޭކަން ރައީސް ފާހަގަކުރެވިއެވެ.

އެފަދަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީ، ކެއިންބުއިމުގެ އިންތިޒާމުތައްވެސް ހަމަޖައްސައިދީފައިވާ ކަމަށާއި މިހާލަތުގެ ސަބަބުން އެކި ގޮތްގޮތުން އަސަރު ކޮށްފައިވާ މީހުންނަށް ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.