ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފުރަބަންދުގެ ދަތިކަމާއެކުވެސް ކެތްތެރިކަން އިސްކުރެއްވީތީ ރައްޔިތުންނަށް ރައީސް ޝުކުރުއަދާކުރައްވައިފި

އަލީ ޔާމިން

ފުރަބަންދުގެ ދަތިކަމާއި ދަތިކަމާއެކުވެސް ކެތްތެރިކަން އިސްކުރައްވައި، ބަލި ކޮންޓްރޯލުކުރުމަށް ރައްޔިތުން ދެއްވި އެއްބާރުލުން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިެއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފި އެވެ.

ގައުމާ މުހާތަބުކުރައްވައި ރައީސް މިރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގައި މި ބަލި ފެތުރޭގޮތުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މަހެއްހާ ދުވަހުގެ ތެރޭގައި ހާހެއްހާ މީހުންނަށް މި ބަލިފައިވާ ކަމަށާއި ނަމަވެސް މި މުއްދަތުގެ ތެރޭގައި ބަލި ފެތުރިގެންދާނެކަމަށް ކުރިން އަންދާޒާކުރި މިންވަރަށް ނުފެތުރުނީ ސިއްހީ ހިދުމަތްތެރިންގެ ލަފަޔާ އެއްގޮތަށް، މާލެ ސަރަހައްދު ފުރަބަންދުކޮށް، އާންމު ހަރަކާތްތަކާއި ދަތުރުފަތުރުތައް ހުއްޓުމަކަށް ގެނައުމާއެކު، ރައްޔިތުން އެކަންކަމަށް އިޖާބަދީ ކެތްތެރިކަމާއެކު އެއްބާރުލުން ދިނުމުން ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސް ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

"ފުރަބަންދުގެ ދަތިތަކާއި އުނދަގޫތައް ތަހައްމަލުކުރައްވައި، މި ބަލި ކޮންޓްރޯލު ކުރުމުގައި ރައްޔިތުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން، އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑަށް އެނގޭ، އެންމެ ދެތިން ދުވަހަށް މާލެ އައިސް ނުވަތަ ތުއްތު ދަރިފުޅު ރަށުގައި ބަހައްޓާފައި ބޭހަށް މާލެ އައިސް، އެތައް ދުވަހެއް ވަންދެންވެސް މާލޭގައި މީހުން އެބަ ތިބިކަން." ރައީސް ވިދާޅުވިއެވެ.

ހަމައެގޮތަށް ރިޒޯޓު މުވައްޒަފުން ކަރަންޓީން ނިމި، އެނބުރި ރަށަށް ދިޔުމަށްޓަކައި މާލެއިން ފުރަން އުޅެނިކޮށް، އަނެއްކާ މާލޭގައި ބަންދުވި ކިތަންމެ ބަޔަކު އެބަތިބި ކަމަށާއި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައި ތިބި ކިތަންމެ ބަޔަކުވެސް ނުފުރިފައި އެބަތިބި ކަމަށެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި ތިބި ކިތަންމެ ދިވެހިންނެއް ރާއްޖެ ނާދެވިފައި އެބަތިބި ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މާލެ ތެރޭގައި މި ބަލި ފެތުރެން ފެށި ދުވަސްވަރު، ބައްޔަށް ޕޮޒިޓިވްވާ ކޮންމެ މީހެއްގެ ކޮންޓެކްޓުންގެ ގޮތުގައި އެވްރެޖްކޮށް 36 މީހުން ފާހަގަކުރެވެނު ނަމަވެސް މިހާރު މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި އެވްރެޖް ގޮތެއްގައި ފާހަގަކުރެވެނީ ހަތް މީހުން ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް 1186 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އޭގެ ތެރެއިން 91 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.