ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮވިޑް ފެތުރެން ފެށިއިރު ކޮންޓެކްޓެއްގެ ގޮތުގައި 36 މީހުން ތިބި، މިހާރު އެއަދަދު ވަނީ 7 އަށް ތިރިވެފައި: ރައީސް

އަލީ ޔާމިން

ރާއްޖޭގައި ކޮވިޑް 19 ފެތުރެން ފެށިއިރު ކޮންޓެކްޓެއްގެ ގޮތުގައި އެވްރެޖުކޮށް 36 މީހުން ތިބި ކަމަށާއި އެހެން ނަމަވެސް މިހާރު އެއަދަދު ވަނީ 7 އަށް ތިރިވެފައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގައުމާ މުހާތަބުކުރައްވައި ރައީސް މިރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭއިން ކޮވިޑު ފެނި މުޖުތަމައުގެ ތެރޭގައި ބަލި ފެތުރެން ފެށުމާއެކު ބަލި ޖެހިފައިވާ މީހުންނާއި އެމީހުންނާ ކޮންޓެކްޓްވި މީހުން ކޮންމެ ދުވަހަކު ދެނެގަނެ، އެމީހުންނަށް ފަރުވާ ދިނުމާއި ކަރަންޓީނު ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ހަރުދަނާ ކުރެވުނު ކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ބަލި ފެތުރޭ ގޮތުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މަހެއްހާ ދުވަހުގެ ތެރޭގައި، ހާހެއްހާ މީހުންނަށް ކޮވިޑު ޖެހިފައިވާ ކަމަށެވެ. އަދި ކުރިން އަންދާޒާކުރި މިންވަރަށް ބަލި ނުފެތުރުމަކީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، މާލެ ތެރޭގައި މި ބަލި ފެތުރެން ފެށި ދުވަސްވަރު، ބައްޔަށް ޕޮޒިޓިވްވާ ކޮންމެ މީހެއްގެ ކޮންޓެކްޓުންގެ ގޮތުގައި އެވްރެޖްކޮށް 36 މީހުން ފާހަގަ ކުރެވެނު ނަމަވެސް މިހާރު އެ އަދަދު އެވްރެޖުކޮށް ހަތް މީހުންނަށް ދަށްކުރެވިފައިވާ ކަމަށެވެ.

"މާލެ ތެރޭގައި މި ބަލި ފެތުރެން ފެށި ދުވަސްވަރު، ބައްޔަށް ޕޮޒިޓިވްވާ ކޮންމެ މީހެއްގެ ކޮންޓެކްޓުންގެ ގޮތުގައި އެވްރެޖްކޮށް 36 މީހުން ފާހަގަ ކުރެވެނު. ނަމަވެސް މިހާރު މި ބައްޔަށް ޕޮޒިޓިވްވާ ކޮންމެ ދިވެއްސެއްގެ ކޮންޓެކްޓުންގެ ގޮތުގައި އެވްރެޖް ގޮތެއްގައި ފާހަގަކުރެވެނީ ހަތް މީހުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ފުރަބަންދުގެ ދަތިތަކާއި އުނދަގޫތަކާއެކުވެސް ބަލި ކޮންޓްރޯލް ކުރުމުގައި ރައްޔިތުން ދެމުން އަންނަ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

ރާއްޖޭގައި މިހާތަނަށް 1186 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 420 ދިވެހިންނާއި 766 ބިދޭސީންނެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 91 މީހަކަށް ވަނީ ބަލިން ޝިފާ ލިބި، ބަލިން ފަސޭހަވެފައެވެ. ކޮވިޑު ޖެހިގެން ރާއްޖެއިން މަރުވެފައިވަނީ ހަތަރު މީހުންނެވެ. އެއީ އުމުރުން ދުވަސްވީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.