ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް އަމްޖަދު މުސްތަފާގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "ވަން" އަށް ވިދާޅުވީ، ޓްރިބިއުނަލްގެ ރައީސް އަމްޖަދުގެ މައްސަލަތަކެއް އަމިއްލަ ފަރާތަކުން އިއްޔެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން ވަކި ގޮތެއް އަދި ނިންމާފައިނުވާ ކަމަށް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސްކަމާއި އެމްޓީޑީސީގެ ބޯޑު ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ އަމްޖަދް ޓްރިބިއުނަލްގެ ރައީސް ކަމަށް އައްޔަންކުރީ މިދިޔަ މާޗް މަހުގެ 16 ވަނަ ދުވަހުއެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަމްޖަދާ ގުޅިގެން އޭސީސީއަށް ހުށަހެޅިފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ޕްރޮބޭޝަންގެ މުއްދަތުގައި މަސައްކަތުގެ އަހުލާގާ މެދު ހިތްހަމަނުޖެހި ވަޒީފާ ދާއިމީ ނުކުރުމަށް ނިންމި މުވައްޒަފެއްގެ ވަޒީފާ ދާއިމީކޮށްދިނުމާއި ކޮވިޑާ ގުޅިގެން އާ މުވައްޒަފުން ވަޒީފާއަށް ނުނެގުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވަނިކޮށް އީސީގައި އަމްޖަދާއެކު ގާތްކޮށް މަސައްކަތްކުރި މީހަކަށް ވަޒީފާ ދިނުމެވެ.
އޭގެ އިތުރުން ވަޒީފާގެ މާހައުލުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް ބިރު ދައްކައި، އޮފީހުގެ އިދާރީ އެއްވެސް ނިންމުމެއް ނިންމުމުގައި ވެސް އެއްވެސް މެންބަރެއްގެ ލަފައެއް ނުވަތަ ހިިޔާލެއް ބޭނުން ނުވާނެ ކަމަށާއި މެންބަރުންނަކީ އަމްޖަދުގެ މުވައްޒަފުން ކަމަށް ބުނެފައިވާ މައްސަލައެއް ވެސް ހިމެނެއެވެ.