މާދަމާރޭގެ ކުރިން މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ކަދުރު ބޭނުންވާ މީހުން ނަންނޯޓު ކުރުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެއެވެ.
މާލެ ސިޓީ ކައުންސިލުގެ ފަރާތުން މިއަދު ގެޒެޓުކޮށްފައިވާ އިއުލާނެއްގައި އެ ކައުންސިލުން ވަނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ފަގީރުންނަށް ބެހުމަށް ކައުންސިލާ ހަވާލުކޮށްފައިވާ ކަދުރު ހުރި ކަމަށް ބުނެފައެވެ.
އެގޮތުން މާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ފަގީރުންނަށް ކަދުރު ބެހުމަށްފަހު ކައުންސިލުގައި ބާކީ 2،903 ކަދުރު ޕެކެޓު ހުރި ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. އަދި މާލެއާއި ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ކަދަރު ޕެކެޓު ބޭނުންވާ މީހުންގެ މައުލޫމާތު މާދަމާރޭ 9:00ގެ ކުރިން ކައުންސިލްގެ ނަންބަރު 9955788 އަށް ފޮނުވުމަށް އެ ކައުންސިލުން އެދިފައިވެއެވެ.
ނަން ނޯޓު ކުރުމަށް ކުރާ މެސެޖުގައި ފުރިހަމަ ނަން، އައިޑީ ކާޑު ނަންބަރު، މިހާރު ދިރިއުޅޭ އެޑްރެސް، އަވަށާއި މަގުގެ ނަން އަދި މޯބައިލް ނަންބަރު ހިމެނުމަށް އެ ކައުންސިލުން އެދެއެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ ކަދުރު ޕެކެޓުތައް ހުސްވަންދެން ދޫކުރަމުން ގެންދާނީ އެންމެ ފުރަތަމަ މެސެޖު ކުރާ މީހުންނަށް އިސްކަން ދީގެން ކަމަށް ބުނެފައެވެ.