ޚަބަރު

ރައީސްގެ މުސާރަ 65،000 އަށް، އުއްތަމަ ފަނޑިޔާރާއި މަޖިލިސް ރައީސްގެ މުސާރަ 37,188 އަށް ކުޑަކޮށްފި

އިބްރާހިމް ޒަކީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މުސާރަ 65،000 ރުފިޔާއަށް، އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މުސާރަ 37,188 ރުފިޔާއަށް ކުޑަކޮށްފި އެވެ.

އެބޭފުޅުންގެ މުސާރަ ކުޑަކުރެއްވީ ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ކުރާ މަަސައްކަތުގެ ދަށުންނެވެ.

އެ މަސައްކަތުގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މުސާރަތަކުގެ ތެރެއިން، 20،001 ރުފިޔާއިން 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 20 ޕަސެންޓް، 30،001 އިން ފެށިގެން 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް، އަދި 60،001 ރުފިޔާއަށްވުރެ މަތީގެ މުސާރަތަކުން 35 ޕަސެންޓް އުނިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަސާސީ މުސާރައަކީ 100،000 ރުފިޔާއެވެ. އެމަނިކުފާނުގެ މުސާރަ ހިމެނެނީ، 35 ޕަސެންޓް އުނިކުރަން ނިންމާފައިވާ ކެޓަގަރީގައެެވެ. އެހެންކަމުން ރައީސްގެ މުސާރައިން 35 ޕަސެންޓަށްވާ 35،000 ރުފިޔާ އުނިކުރުމުން މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާނީ، 65،000 ރުފިޔާއެވެ. ރައީސަށް މުސާރައިގެ އިތުރުން އެހެން އިނާޔަތެއް ހަމަޖެހިފައެއް ނޯވެއެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމާއި ރައްްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަސާސީ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 53،125 ރުފިޔާއެވެ. އެ ދެބޭފުޅުންގެ މުސާރަ ހިމެނެނީ، 30 ޕަސެންޓް އުނިކުރަން ނިންމާފައިވާ މުސާރަތަކުގެ ތެރޭގައެވެ. އެހެންކަމުން އެ ދެބޭފުޅުންގެ އަސާސީ މުސާރައިގެ 30 ޕަސެންޓް ކަމުގައިވާ 15،938 އުނިކުރުމުން އެ ދެބޭފުޅުންގެ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާނީ 37,188 ރުފިޔާއެވެ.

ނަމަވެސް އުއްތަމަ ފަނޑިޔާރާއި މަޖިލިސް ރައީސަށް މުސާރައިގެ އިތުރުން، ލިވިން އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އޭގެ އިތުރުން އުއްތަމަ ފަނޑިޔާރަށް ފޯން އެލަވަންސްގެ ގޮތުގައި 1،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އެހެންކަމުން އުއްތަމަ ފަނޑިޔާރަށް ގެއަށް ގެންދިއުމަށް މަހަކު ޖުމްލަ 58،188 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި މަޖިލިސް ރައީސަށް 57،188 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

މަޖިލީހުން މުސާރަތައް ކުޑަކުރަން ފާސްކޮށްފައިވަނީ މި މަހުން ފެށިގެން ތިން މަހުގެ ނިޔަލަށެވެ. އެއީ މެއި، ޖޫން، ޖުލައި މަހުގެ މުސާރަތަކެވެ.