އަލީ ޔާމިން
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19ގެ ބަލިމަޑުކަމަށް ބައިނަލްއަގުވާމީ ފެންވަރުގައި އިޖާބަ ދިން ގޮތުގެ މިނިވަން ތަހުގީގެއް ހިންގުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ މެންބަރު ގައުމުތަކުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
ޑަބްލިޔުއެޗްއޯގެ ވޯލްޑް ހެލްތު އެސެމްބްލީގެ 73 ވަނަ ބައްދަލުވުމުގައި މި ގަރާރު ބަލައިގަތުމަށް، މެންބަރު 194 ގައުމުން ވަނީ ރުހުން ދީފައެވެ. ރާއްޖެއަކީ މި ގަރާރުގެ ކޯ ސްޕޮންސަރެކެވެ.
ސުވިޒަލަންޑްގެ ޖެނީވާގައި ވާޗުއަލްކޮށް މިއަހަރު ކުރިއަށްދިޔަ ވޯލްޑް ހެލްތު އެސެމްބްލީގައި މެންބަރު ގައުމުތަކުން ބަލައިގަނެ ރުހުން ދިން މި ގަރާރަކީ، ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން ޑަބްލިޔުއެޗްއޯ އަދާކުރާ ދައުރުގެ އިންކުއަރީ ހިންގަން ބާރުދޭ ގަރާރެކެވެ. މި ގަރާރު ހުށަހަޅާފައިވަނީ ވިލާތުގެ އިއްތިހާދުންނެވެ.
މި ގަރާރަކީ ކޮވިޑަށް ބައިނަލްއަގުވާމީ ފެންވަރުގައި ދިން އިޖާބައާ ގުޅޭ މިނިވަން އަދި ފުރިހަމަ އިވަލުއޭޝަނެއް ހެދުމަށް ގޮވާލާ ގަރާރެކެވެ. މި ގަރާރުގައި ކޮވިޑުގެ ބަލިމަޑުކަމަށް ޑަބްލިޔުއެޗްއޯއިން އިޖާބަދިން އަވަސްމިންވެސް ބަލާނެއެވެ. އަދި ކޮވިޑަށް ކަނޑައަޅާ ފަރުވާއާއި ވެކްސިންއާ ގުޅުންހުރި މައުލޫމާތު ވީހާވެސް އަވަހަކަށް ހާމަކަން ބޮޑު ގޮތެއްގައި ހުރިހާ އެންމެނަށްވެސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި ކޮވިޑު ފެތުރެން ފެށި ގޮތުގެ ތަހުގީގެއް ހިންގުން ފަަދަ ކަންކަން ހިމެނެއެވެ.
ރާއްޖެއިން ކޯ ސްޕޮންސާ ކުރި ކޮވިޑް 19 ގަރާރު ބަލައިގަތުމާއެކު ޕޭޝަންޓުން ޓެސްޓު ކުރުމާއި، ޓްރޭސް ކުރުމާއި، ފަރުވާއަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
ޑަބްލިޔުއެޗްއޯގެ ވޯލްޑް ހެލްތު އެސެމްބްލީ 73 ވަނަ ބައްދަލުވުން ރޭގެ ވަގުތެއްގައި ވަނީ ނިންމާލައިފައެވެ. މި އެސެމްބްލީ ދެން އޮންނަނީ މީގެ އެއް އަހަރު ފަހުންނެވެ. ރާއްޖޭގެ ފަރާތުން މި އެސެމްބްލީގައި ބައިވެރިވި ވަފުދުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.