ޚަބަރު

މެދުރާއްޖެތެރެއާއި އުތުރުގެ މޫސުން ގޯސް، މާކަނޑުގައި ރާޅުގެ އުސްމިން ހަތް ފޫޓަށް އަރައިފާނެ: މެޓް

މުހައްމަދު އައުޒަމް

ރާއްޖޭގެ މޫސުން ކުރިޔަށް ލަފާކުރެވޭ ގޮތުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

"ވަން"އަށް މައުލޫމާތުދެއްވަމުން މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވީ ހުޅަނގު މޫސުމުގެ މި ވިއްސާރައިގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ރަނގަޅު ނޫން ކަމަށެވެ. ހާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގުގުރައި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ހާފިޒް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ވައިޖެހޭނެކަމަށް ބެލެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ކަމަށާއި ވިލާގަނޑުގައި 45 މޭލާއި 55 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށްވެސް މެޓުން ވަނީ ބުނެފައެވެ. އަދި މާކަނޑުގައި ރާޅުގެ އުސްމިން ފަސް ފޫޓާއި ހަތް ފޫޓާ ދެމެދު ހުންނާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

ހާފިޒް އިތުރަށް ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގެ ކަނޑުތަކުގައި އުފެދިފައިވާ ބާނީގެ ސަބަބުން އަދި ގަދަ ވައިގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެކަމަށް ބެލެވޭ ކަމަށެވެ.