އިބްރާހިމް ޒަކީ
ރައީސުލް ޖުުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މުސާރައިން 35،000 ރުފިޔާ އަދި ނާއިބު ރައީސް ފައިސަލް ނަސީމުގެ މުސާރައިން 26،250 އުނިކުރަން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ، ރައްޔިތުންގެ މަޖިލީހުުން ކަނޑައަޅާ މުސާރަތައް، އަސާސީ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވާ ނިސްބަތުން 20 ޕަސެންޓުން ފެށިގެން 35 ޕަސެންޓާ ހަމައަށް އުނި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސް ކުރުމާ ގުޅިގެންނެވެ.
މަޖިލީހުން މުސާރަތައް ކުޑަކުރަން މިއަދު ފާސްކުރި ރިޕޯޓަށް ބަލާއިރު، ރައީސުލް ޖުމްހޫރިއްޔާގެ އަސާސީ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާ، 100،000 ރުފިޔާއިން 35 ޕސެންޓް އުނިކުރެވޭނެ އެވެ. އެއީ 35،000 ރުިޔާއެވެ.
އެހެންކަމުން މިމަހުން ފެށިގެން އަސާސީ މުސާރައިގެ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާނީ، 65،000 ރުފިޔާއެވެ.
ނައިބު ރައީސަށް އަސާސީ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 75،000 ރުފިޔާއެވެ. ނައިބު ރައީސްގެ މުސާރައިން 35 ޕަސެންޓަށްވާ 26،250 އުނިކުރުމުން މުސާރައިގެ ގޮތުގައި ދެން ލިބިވަޑައިގަންނަވާނީ 48،750 އެވެ.
ވަޒީރުންނަށް ބަލާއިރު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް އަސާސީ މުސާރައެއްގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 42،500 ރުފިޔާއެވެ.
އެހެންކަމުން އެ މުސާރައިން އުނި ކުރެވޭނީ 30 ޕަސެންޓަށް ވާ 12750 ރުފިޔާއެވެ.
މުސާރަ އުނިކުރަން މަޖިލީހުން ފާސްކޮށްފައިވަނީ، 20،001 ރުފިޔާއިން، 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 20 ޕަސެންޓް، 30،001 އިން ފެށިގެން 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް، އަދި 60،001 ރުފިޔާއަށްވުރެ މަތީގެ މުސާރަތަކުން 35 ޕަސެންޓް އުނިކުރުމަށެވެ.