ޚަބަރު

ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުން އޮންނާނީ އަންނަ ހުކުރު ދުވަހު

މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތު ކުރުން އޮންނާނީ އަންނަ ހުކުރު ދުވަހު ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭ އިން ނެރުނު ސާކިއުލާއެއްގައި ބުނީ، ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސް ނެގުމަށް، 29 ރަމަޟާން 1441 (22 މެއި 2020) ވާ ހުކުރު ދުވަހުގެ ހަވީރު 06:00 އިން ފެށިގެން އިރު އޮއްސި 07:30 އަށް އެ ޑިޕާޓްމަންޓާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި މުއާމަލާތް ކުރެވޭނެ ކަމަށެވެ.

އެގޮތުން ޝައްވާލު މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދެވޭނެ އިންތިޒާމު ރަށުގައި ނަމަ، މެޖިސްޓްރޭޓް ކޯޓުގައި އަދި މާލޭގައި ނަމަ އެ ޑިޕާޓްމަންޓުގައި ހަމަޖެހިފައިވާ ކަމަށް ސާކިއުލާގައި ވެއެވެ.

ނަމަވެސް މިދުވަސްވަރަކީ ކޮވިޑާ ގުޅިގެން އޮފީސްތައް ބަންދުކޮށްފައިވާ ދުވަސްތަކަކަށްވާތީ، ރަށްރަށުން ހަނދު ފެނިއްޖެކަމަށް ހެކިބަސް ދޭން ބޭނުންވާނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އެކަން ކުރިޔަށް ދެވޭނެއެވެ.

މާލޭގައި ނަމަ 7704777 އަށް ގުޅައި، އެ މައުލޫމާތު ހިއްސާ ކުރުމަށްފަހު ޑީޖޭއޭއިން އަންގާ ގޮތެއްގެ މަތިން މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައި ހެކިބަސް ދެވޭނެ ކަމަށާއި އަދި އެ މައުލޫމާތުތައް ހިއްސާކުރާއިރު، ގާތްގަނޑަކަށް ހަނދު ހުރި އުސްމިނާއި މިސްރާބާއި އަދި މިނޫން ވެސް މުހިންމު މައުލޫމާތު ދޭންވާނެ ކަމަށް ސާކިއުލާގައި ވެއެވެ.