އައިސް ޕްލާންޓްތައް ރަށު ކައުންސިލްތަކުގެ ހިއްސާއާއެކު ހިންގާ ތަންތަނަށް ބަދަލުކުރުމަށް މި ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގއ. ގެމަނަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދިވެހި މަސްވެރި މުޖްތަމައުން މިހާރުވެސް ކުރާ އެންމެ ބޮޑު ޝަކުވާއަކީ އައިސް ޕްލާންޓްތަކުގެ ފައިދާ އެންމެ އެކަށީގެންވާ ގޮތުގައި ނުލިބުމުގެ ޝަކުވާ ކަމަށެވެ.
"މަސްވެރިންނަށް އެންމެ ފައިދާވާ ގޮތަށް އައިސް ޕްލާންޓްތައް ހިންގުމަށްޓަކައި، އެ ތަންތަން، ރަށު ކައުންސިލްތަކުގެ ޙިއްޞާއާއެކު ހިންގާ ތަންތަނަށް ބަދަލުކުރުމަށް މި ސަރުކާރުން ވަނީ ނިންމާފައި. މި ރަށުގެ މަސްވެރިންގެވެސް އެންމެބޮޑު އެއް ޝަކުވާއަކީ މަސްވެރިންނަށް ބޭނުންވާ އައިސް ނުލިބުމުގެ މައްސަލަ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގެމަނަފުށީގައި ހުރި 25 ޓަނުގެ އައިސް އުފައްދާ ޕްލާންޓް މިހާރު ކުޑަވެފައިވާ ކަމަށާއި އެ ޕްލާންޓް 50 ޓަނުގެ ޕްލާންޓަކަށް ބަދަލުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު މި ދެންނެވިހެން އައިސް ޕްލާންޓްތައް އެގޮތަށް ހަމަޖެހުމުން އައިސް ޕްލާންޓްތައްވެސް ހިނގާނީ މަސްވެރިންނަށް އެންމެ ލާބަ ހުރިގޮތަށް. މަސްވެރި މުޖްތަމައުގެ ބައިވެރިވުމާއި ރޭވުންތެރިކަމާއެކު. މިއީ މަސްވެރިކަމުގެ ސިނާއަތުގައި ރައްޔިތުން ބާރުވެރިކުރުމުގެ މުހިންމު ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެން،" ރައީސް ވިދާޅުވިއެވެ.