ޚަބަރު

ޔޫތު ކައުންސިލްގެ މެންބަރުން އެލަވަންސް ނުނަގަން ނިންމައިފި

އައިދާ އަބްދުލް ހަކީމް

ކުއްލި ހާލަތު އިއުލާނު ކުރި ދުވަހުން ފެށިގެން މިހާރު އިއުލާނުކޮށްފައިވާ ލޮކްޑައުން ނިމި އިތުރު އެއް މަހުގެ މުއްދަތަށް ނެޝަނަލް ޔޫތު ކައުންސިލްގެ މެންބަރުންގެ އެލަވަންސް ނުނެގުމަށް އެކައުންސިލުން ނިންމައިފިއެވެ.

އެކައުންސިލުން ކުރި ޓުވީޓެއްގައި ބުނީ މިއަދު ވާޗުއަލްކޮށް ބޭއްވި ފަސްވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެށި ދުވަހުން ފެށިގެން އެކައުންސިލުން ބޭއްވި އެއްވެސް ބައްދަލުވުމެއްގެ އެލަވަންސް ނުނަގާ ގޮތަށެވެ. އަދި މިހާރު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމޭދުވަހުން ފެށިގެން އެއްމަސް ވަންދެން އެ އެލަވަންސް ނުނަގަން ނިންމާފައިވާ ކަމަށެވެ.

އެކައުންސިލުން ބުނީ އެލަވަންސް ނުނެގުމަށް ނިންމީ ކޮވިޑް 19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ޒުވާނުންގެ ފަރާތުން އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

ނެޝަނަލް ޔޫތު ކައުންސިލަކީ ޒުވާނުންގެ ކުރިއެރުމަށާއި، ޒުވާނުންނާއި ގުޅޭ ސިޔާސަތުތައް ބައްޓަންކުރުމުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށާއި، ޒުވާނުންނަށް ދިމާވާ ކަންކަމުގައި މިނިސްޓަރަށް ލަފާއެރުވުމަށް އެކުލަވާލާފައިވާ ކައުންސިލް އެކެވެ. އެކައުންސިލުން ބާއްވާ ކޮންމެ ބައްދަލުވުމެއްގައި 500 ރުފިޔާގެ ރޭޓުން މަހަކު 4000 ރުފިޔާ އަށް ވުރެ ބޮޑު ނުވާގޮތަށް އެލަވަންސެއް ދެއެވެ.