ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް ލުއި ލޯނު ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގއ. ގެމަނަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މަސްއޮޑިފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމެއް ނެތުމަކީ މަސްވެރިކަމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އޮޑިދޯނިފަހަރު ބަނުމަށާއި، އިންޖީނު އެޅުމަށް، ބޭންކުތަކުން ފަސޭހައިން ލޯނު ލިބޭނެ ސްކީމެއް ގާއިމުކުރުމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވެފައިވާ ވައުދާ އެއްގޮތަށް، ކުދި އަދި މެދު ފަންތީގެ މަސައްކަތްކުރާ ފަރާތްތަކަށް ލުއި ލޯނު ލިބުމުގެ މަސައްކަތް، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ބޭންކް ހުޅުވި، އެކަން ހަމަޖެހިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވެރިކަމަށް އައުމަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ޑީސަލުން އިމްޕޯޓް ޑިއުޓީ ކަނޑައިލުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން މިހާރަށް ވުރެ ހެޔޮ އަގުގައި މަސްވެރިންނަށް ޑީސަލް ލިބިގެންދާނެ ކަމަށެވެ.