ކޮވިޑް 19ގެ މި ބަލިމަޑުކަމުގެ ދުވަސްވަރު ސިއްހީ ހިދުމަތްތެރިންގެ އާމްދަނީން ބައެއް އުނިވެގެންދާގޮތަށް ސަރުކާރުން އެކުލަވާލި އުސޫލަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން، އެމްއެޗްޕީޔޫ އިން ބުނެފިއެވެ.
އެ ޔޫނިއަނުން މިހެން ބުނެފައިވަނީ އިއްޔެ އެ ޔޫނިއަނުން ނެރުނު ނޫސްބަޔާނެއްގައެވެ.
އެގޮތުން ކޮވިޑް 19ގެ ސަބަބުން އެ ޔޫނިއަންގެ މެންބަރުންނާއި ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އެންމެނަށް ދިމާވާ ގޮންޖެހުންތަކުން އެމީހުން ހިމާޔަތްކޮށް، އެމީހުން ރައްކާތެރި ކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ތަކުރާރުކޮށް ގޮވާލާފައިވާނެ ކަމަށް އެ ޔޫނިއަނުން ބުނެފައި ވެއެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ފާއިތުވި އަހަރުތަކުގައި މަސައްކަތް ކޮށްފައިވަނީ އަދި މިހާރުވެސް މަސައްކަތް ކުރަނީ އެމީހުންނަށް ދެވޭ އިނާޔަތާއި ހިމާޔަތަށް ވުރެ ބޮޑަށް ގައުމަށާއި ބަލިމީހުންނަށް ހިދުމަތް ކުރުމުގެ ރޫހެއްގައި ކަމަށް އެ ޔޫނިއަނުން ފާހަގަ ކޮށްފައި ވެއެވެ.
ކަން މިހެން އޮތް އިރުވެސް ސިއްހީ ދާއިރާގައި މަސައްކަތްކުރާ 19 ގިންތިއެއްގެ މުވައްޒަފުން ވަޒީފާގެ ރައްކާތެރިކަމެއް ވަޒީފާގެ އޮނިގަނޑެއް ނެތި ތިބުމަކީ ހިތާމަވެރި ކަމެއް ކަމަށް އެމްއެޗްޕީޔޫ އިން ބުނެއެވެ. ހާއްސަކޮށް މިފަދަ ބަލި މަޑުކަމަކާ ކުރިމަތިވެފައިވާއިރު، ވަޒީފާގެ އޮނިގަނޑެއް ނެތި ތިބި މި މަސައްކަތްތެރިންނަށް އަސާސީ މުސާރައިގެ ގޮތުގައި 5610 ރުފިޔާ ލިބޭ ކަމީ ހިތާމަވެރި ކަމެއް ކަމަށްވެސް އެ ޔޫނިއަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްއެޗްޕީޔޫ އިން ވަނީ މިހާރު ދިމާވެފައިވާ މި ބަލިމަޑުކަމުގެ ހާލަތުގައި މަސައްކަތްތެރިންނާއި މަޝްވަރާ ނުކޮށް ކަނޑައަޅާ ސިޔާސަތުތަކުގެ ސަބަބުން ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށާއި އެ މީހުންގެ އާއިލާތަކަށް ސީދާ ގޮތުން އަދި ނުސީދާ ގޮތުންވެސް ނޭދެވޭ އަސަރު ކުރާ ކަމަށެވެ. މިހާރު ކުރިމަތިވެފައިވާ މި ހާލަތުގައިވެސް މި މަސައްކަތްތެރިންނަށް ލިބެން ޖެހޭ އަސާސީ ހައްގުތައް ކަށަވަރު ކޮށްދޭން ޖެހޭކަން އެ ޔޫނިއަނުން ފާހަގަކޮށްފައި ވެއެވެ.
މީގެ ކުރިންވެސް ސިއްހީ މަސައްކަތްތެރިންނަށް މަސައްކަތުގެ ގަޑީގެ އިތުރަށް މަސައްކަތް ކުރާ ގަޑިތަކަށް އިތުރު ގަޑީގެ ފައިސާ ދެމުން އައިކަން މި ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އަދި ސިއްހީ މަސައްކަތްތެރިންގެ އާމްދަނީ ބިނާވެފައި ވަނީ އިތުރުގަޑީގެ ފައިސާގެ އިތުރުން އެހެނިހެން އެލަވަންސްތަކުގެ މައްޗަށް ކަމަށާއި ކަން މިހެން ހުރި އިރު އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން، އާއިލާއާ ދުރުގައި ސިއްހީ މަސައްކަތްތެރިން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި އެމީހުންނަށް ލިބޭ ޖުމްލަ އާމްދަނީން ބައެއް އުނިވެގެންދާގޮތަށް ސަރުކާރުން އެކުލަވާލި އުސޫލަކީ އެ ޔޫނިއަނުން ބަލައިގަންނަ ކަމެއް ނޫން ކަމަށް އެމްއެޗްޕީޔޫގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ޔޫނިއަނުން ވަނީ ސިއްހީ މަސައްކަތްތެރިންގެ އާމްދަނީން ބައެއް އުނިވާ ގޮތަށް އެކުލަވާލާފައިވާ އުސޫލު ބަދަލު ކުރުމަށް ގޮވާލާފައެވެ. އަދި ކުރިން އޮތް ގޮތަށް އެ އުސޫލު އަލުން ބަދަލުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީ އާއި ކަމާ ބެހޭ އިދާރާތަކަށް ގޮވާލައިފައެވެ. މި ދަނޑިވަޅުގައި ސިއްހީ މަސައްކަތްތެރިންގެ އަގު ވަޒަން ކުރުމަށް އިނާޔަތެއް ދިނުމަށް ސަރުކާރުން އިއުލާނު ކޮށްފައިވާ އިރު، އާންމު އުސޫލުން ލިބެމުން އައި އިތުރު ގަޑީގެ މަސައްކަތަށް ލިބޭ ފައިސާ ހިސާބު ކުރާ ގޮތަށް ބަދަލު ނުގެނައުމަށް
ވެސް މި ބަޔާނުގައި ވަނީ އެދިފައެވެ.