ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މިފްކޯއަކީ ފައިދާގައި ހިންގާ ކުންފުންޏަކަށް ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގއ. ގެމަނަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގެއްލުމުގައި ހިންގައިގެން ނަމަވެސް، މަސްވެރިންނަށް ރަނގަޅު އަގެއް ދިނުމަށް ކުރާ މަސައްކަތުގެ ސަބަބުން މިފްކޯގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.
"މި ސަރުކާރުގެ އަމާޒަކީ މިފްކޯއަކީ ފައިދާއާއެކު ހިނގާ ކުންފުންޏަކަށް ބަދަލުކުރުން. އަޅުގަނޑުމެން މިހާރު މިދަނީ އެކަމުގެ މަޝްވަރާތައް ކުރަމުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މިފްކޯއަކީ ފައިދާވާ ކުންފުންޏެއްގެ ގޮތުގައި އަޅުގަނޑުމެން ހަދާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގެއްލުމުގައި މިފްކޯ ހިންގުމަކީ މަސްވެރިންގެ ސިނާއަތަށް އެންމެ މަންފާ ހުރި ގޮތެއް ނޫން ކަމަށާއި އެގޮތުގައި މިފްކޯ ހިންގުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މަސްވެރިންނަށް ދިމާވެފައި އޮތް އަނެއް ދައްޗަކީ ކިރުވާ މަހަށް ވަގުތުން ފައިސާ ނުލިބުން ކަމަށެވެ.
"ކްރެޑިޓަށް މަސްގަތުން ހުއްޓާލައި، ވަގުތުން ފައިސާ ދެވޭނެ އިންތިޒާމަކަށް ބޭނުންވާކަން އަޅުގަނޑު ގަބޫލުކުރަން. އެކަމަށްޓަކައި މިފްކޯގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރުގެ އިތުރު އިންވެސްޓްމަންޓްތަކެއް ކުންފުންޏަށް ހޯދަންޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.